ޚަބަރު

އިތުރު ބޯޓުތައް ގެނައުމުން ދައްކުވައިދެނީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކަން: ނައިބު ރައީސް


އިޤްތިޞާދީ ގޮތުން ދަތި ދަނޑިވަޅެއްގައި އިތުރު މަތިންދާބޯޓުތައް ގެނައުމުން ދައްކައިދެނީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތަކަށް ގެންނަ ދެބޯޓު ރާއްޖެއަށް އައުމާއި ގުޅިގެން ބޭއްވި ހަފްލާގައެވެ.

މިބޯޓުތައް ރާއްޖެއަށް އައުމާއި ގުޅިގެން ބޭއްވި ހަފްލާގައި ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން ނައިބު ރައިީސް ވިދާޅުވީ، އިޤްތިޞާދީ ގޮތުން ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާ މިދަނޑިވަޅުގައި އިތުރު ދެ ބޯޓު ގެނެވުމުން ދައްކުވައިދެނީ އިޤްތިޞާދު ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކުރެއްވި މަސައްކަތުގެ ނަތީޖާކަމަށެވެ.

"މިދަތި ދުވަސްވަރުގައި މިފަދަ ކަންކަން ކުރެއްވުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުގެ ސިޔާސަތު ރަނގަޅުކަން މިފެންނަނީ. އެހެން ނޫންނަމަ ފެންނާނީ މުޅިން ބާ ބޯޓުތަކެއް. އަޅުގަނޑުމެންނަށް ފެންނާނީ ދަތުރު ނުކުރެވި ތިބޭތަން. އެހެންވީމާ މިއީ ވަރަށްބޮޑު ކާމިޔާބީއެއްކަން އަޅުގަނޑު ޤަބޫލްކުރަން" ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަތުރުފަތުރުގެ ދަތިކަންކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، މޯލްޑިވިއަންގެ ފްލީޓަށް އިތުރު ދެ ބޯޓު އިތުރުވުމުން އެންމެ ބޮޑު ފަސޭހަވެގެންދާނީ ރައްޔިތުންނަށްކަމަށެވެ. އަދި ރައްޔިތުންނަށް ދަތުރުފަތުރުގެ ނިޒާމް ލުއިފަސޭހަކޮށްދީ މުޅި ރާއްޖޭ ވައިގެ މަގުން ގުޅާލުމަކީ ސަރުކާރު އެންމެ މުހިންމުއެއް ސިޔާސަތުކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ނައިބު ރައީސް ވަނީ މޯލްޑިވިއަންގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ. އެގޮތުން، އެއެއަރލައިނުން މިހާރުވެސް 14 މަންޒިލަކަށް ދަތުރުކުރާކަން ފާހަގަކުރައްވަމުން ބޯޓުތަކާއި ކުރާ ދަތުރުތައް އިތުރުކުރުމުގެ އިތުރުންވެސް މިދާއިރާއިން ދިވެހި ޒުވާނުން ބިނާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން މޯލްޑިވިއަނުން ގެނައީ އޭޓީއާރު 72 މަރުކާގެ 2 ބޯޓެވެ. މިއީ 74 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ. މި ދެބޯޓަކީ ޒަމާނީ ވަސީލަތްތައް ހިމެނޭ، ތެޔޮ ޚަރަދު ކުޑަ އަދި މަރާމާތުގެ ޚަރަދުވެސް ކުޑަ ދެބޯޓެވެ. މިބޯޓުތަކާއިއެކު މޯލްޑިވިއަނުން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.

މިދެބޯޓުގެ އިތުރުން، އެތެރޭގެ އުދުހުންތަކަށް އިތުރު އެއް ބޯޓު ގެނައުމަށް ވަނީ ހަމަޖެހިފައިއެވެ. އެއީ އޭޓީއާރު 42 މަރުކާގެ 50 މީހުންގެ ޖާގައިގެ ބޯޓެކެވެ. މޯލްޑިވިއަނުން ދާދިފަހުން ވަނީ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސްގެ ބޯޓެއް ހޯދުމަށްވެސް އިޢުލާންކޮށްފައެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 23 ބޯޓު އެބައޮތެވެ. އެއީ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސްގެ 2 ބޯޓާއި، ސީޕްލޭންގެ 11 ބޯޓުގެ އިތުރުން އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ 10 ބޯޓެވެ.