ޚަބަރު

އާރަށް މައްސަލަ : ހުކުމްގައި ހިމެނޭ ފައިސާއާބެހޭ ބައި އިސްތިއުނާފް ކުރުމާމެދު މަޝްވަރާކުރަނީ


ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އިއްވާފައިވާ ހުކުމްގައި ބުނާ ފައިސާއާ ގުޅޭ ބައި އިސްތިއުނާފްކުރުމާއި މެދު މަޝްވަރާކުރަން ފަށައިފިއެވެ.

ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލި ދެ ދަޢުވާވެސް ސާބިތުވެ ވަނީ 11 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ. އަދި ޖޫރިމަނާ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ހުކުމްކޮށްފައިވެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރިކަން ސާބިތުވި ފައިސާ ދައުލަތަށް ނެގުމުގެ ބައި އިސްތިއުނާފް ކުރުމާ މެދު މަޝްވަރާ ކުރަމުން އަންނަކަމަށެވެ. ނަމަވެސް މިހާތަނަށް އައިރު އެކަމުގައި ގޮތެއް ނިންމާފައި ނުވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅިއިރު ދައުލަތުން އެދިފައިވަނީ ލޯންޑާކުރިކަމަށް ސާބިތުވާ އެއް މިލިއަން ޑޮލަރާއި، އެއާ އެއްކޮށް އިންވެސްޓްކުރި އިތުރު 2.4 މިލިއަން ޑޮލަރާއި އަދި އެ ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިދާ ދައުލަތަށް ނެގުމަށެވެ. ނަމަވެސް ކޯޓު ހުކުމްގައި އެކަމަށް ގޮތެއް ނިންމާފައެއް ނުވެއެވެ.

އާރަށް މައްސަލާގައި ރައީސް ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.