ޚަބަރު

ނިމުނު އަހަރު ދައުލަތަށް ލިބުނު އާމްދަނީ 5.6 ބިލިއަން އިތުރު


މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރަށްވުރެ 5.6 ބިލިއަން އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިހެން ހާމަކޮށްފައިވަނީ ދައުލަތުގެ ޚަރަދުތަކާއި އާމްދަނީގެ ތަފްސީލް ހިއްސާކޮށް ފިނޭންސް މިނިސްޓްރީން ނެރޭ މާލީ ތަފާސް ހިސާބުތަކުގައެވެ.

ފިނޭންސް މިނިސްޓްރީގެ މާލީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ޑިސެންބަރުމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ދައުލަތަށް 27.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރުގެ މިމުއްދަތުގައި ލިބުނު 24.2 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު، 5.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސްއިން ލިބޭ އާމްދަނީއެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ ނިޔަލަށް ޓެކްސްއިން ލިބޭ އާމްދަނީގެ ގޮތުގައި 19.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2021 ވަނަ އަހަރުގެ މިމުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 14.6 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު %30.8 އިތުރު އަދަދެކެވެ.

ޓެކްސްއިން ލިބޭ އާމްދަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމްޕޯޓް ޑިއުޓީއާއި، ބިޒްނަސް އެންޑް ޕްރޮޕަރޓީ ޓެކްސް، ބީޕީޓީ އާއި، ޓީޖީއެސްޓީގެ އިތުރުން ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު މުދަލާއި ޚިދުމަތުން ނެގޭ ޓެކްސް ނުވަތަ ޖީއެސްޓީގެ ގޮތުގައި ދައުލަތަށް 9.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރު މުދަލާއި ޙިދުމަތުން ނެގޭ ޓެކްސްއިން ދައުލަތަށް ލިބުނު 7.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %24.6 އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ، އަދި ބީޕީޓީގެ ގޮތުގައި، 4.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ތެރޭގައި ދެން ހިމެނެނީ ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީއެވެ. ޓެކްސް ނޫން އާމްދަނީގެ ތެރޭގައި ހިމެނެނީ އެއަރޕޯޓު ޑިވެލޮޕްމަންޓު ފީ އާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބޭ ޑިވިޑެންޓާއި، ޕްރޮޕަރޓީ އިންކަމް ނުވަތަ އިދާރާތަކުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީ ފަދަ އާމްދަނީތަކެވެ.

ފިނޭންސް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް 8.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރުގެ މިމުއްދަތުގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު، 6.2 ބިލިއަނާއި އަޅާބަލާއިރު %32.2 އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 820 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ކުންފުނިތަކުން ލިބޭ ޑިވިޑެންޓްގެ ގޮތުގައި 642.9 މިލިއަން ރުފިޔާ، އިދާރާތަކުން ލިބޭ ކުލީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުގައިވެއެވެ.

އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށްވުރެ އިތުރުވެފައިވާއިރު، ސަރުކާރުން ހިންގާ މަޝްރޫޢުތައް އިތުރުވެ، ދައުލަތުގެ ޚަރަދުވެސް ވަނީ 2021 ވަނަ އަހަރަށްވުރެ އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރު 39.8 ބިލިއަން ރުފިޔާ ދައުލަތުން ހޭދަކޮށްފައިވާކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ދަޢުލަތުން ހޭދަކޮށްފައިވަނީ 37 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ ރިކަރެންޓް ޚަރަދުތަކާއި ކެޕިޓަލް ޚަރަދުތަކެވެ. ރިކަރެންޓް ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ ބައިން ކުރާ ޚަރަދުތަކެވެ. ކެޕިޓަލް ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ހޭދަކުރާ ޚަރަދުތަކެވެ. މިދިޔަ އަހަރު، ދައުލަތުން ވަނީ މަޝްރޫޢުތަކަށް 8.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.