ޚަބަރު

ޔޫކްރެއިނުން ރަޝިޔާ ސިފައިންގެ 80އަށްވުރެ ގިނަ މީހުން މަރާލައިފި


ރަޝިޔާއިން އަތްގަދަކޮށްފައިވާ ސަރަޙައްދުތަކަށް ޔޫކްރެއިނުން ދިން ވަރުގަދަ މިސައިލް ހަމަލާތަކެއްގައި ރަޝިޔާ ސިފައިންގެ 89 މީހުން މަރައިލާފައިވާ ކަން ރަޝިޔާއިން ހާމަކޮށްފިއެވެ. ޔޫކްރެއިނުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ އިރުމަތީގައިވާ ޑޮނެޓްސްކްގެ ރަށެއް ކަމުގައިވާ މަކީވްކާގައި ހަރަކާތްތެރިވަމުން ދިޔަ ރަޝިޔާ ސިފައިންނަށެވެ. ޔޫކްރެއިނުގެ އަސްކަރިއްޔާއިން ވަނީ މަކީވްކާއަށް ހަމަލާތަކެއް ދީފައިވާ ކަމަށް އެއްބަސްވެފައެވެ. ޑޮނެޓްސްކަކީ ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިނުގެ އިރުމަތީގައިވާ ސަރަޙައްދެކެވެ.

މި ހަނގުރާމައިގައި މަރުވެފައިވާ ރަޝިޔާ ސިފައިންގެ ފުރިހަމަ އަދަދުތައް ހާމަ ކުރުމަކީ ޢާންމު ގޮތެއްގައި ރަޝިޔާއިން އަމަލު ކުރާ އުސޫލެއް ނޫނެވެ. ނަމަވެސް، ރަޝިޔާގެ ދިފާޢީ ވުޒާރާއިން ވަނީ، މަކީވްކާއަށް ދިން ހަމަލާ ކުށްވެރިކޮށް، ސިފައިންގެ 89 މީހުން މަރުވެފައިވާ ކަމަށް ބުނެފައެވެ. ޔޫކްރެއިނުން ހަތަރު ފަހަރެއްގެ މަތިން އެ ރަށަށް މިސައިލް ހަމަލާތައް ދީފައިވާ ކަމުގައި ވެސް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.

މިއީ، އެއް ފަހަރާ މިހާ ގިނަ އަދަދެއްގެ ރަޝިޔާ ސިފައިން މަރުވެފައިވާ ކަން އެ ޤައުމުން އިޢުލާނު ކުރި ފުރަތަމަ ފަހަރެވެ. އެ ރަށުގައި ހަރަކާތްތެރިވަމުން ދިޔަ ރަޝިޔާ ސިފައިންނަށް އަމާޒުކޮށް ހަމަލާދިނުމަށް ޔޫކްރެއިނު ސިފައިން ބޭނުންކޮށްފައި ވަނީ އެމެރިކާއިން ފޯރުކޮށްދީފައިވާ "ހައިމާސް" މަރުކާގެ ރޮކެޓް ސިސްޓަމް ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ. ރަޝިޔާއިން ކުރިން ބުނީ މި ހަމަލާތަކުގައި 63 ސިފައިން މަރުވި ކަމުގައެވެ.

މި ހާދިސާއާ ގުޅިގެން ރަޝިޔާ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ޤައުމުގެ އަސްކަރިއްޔާއަށް ފާޑުކިޔާފައެވެ. އަދި، އެ ޤައުމުގެ ސިފައިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަހުމިއްޔަތުކަން ނުދޭ ކަމަށް ތުހުމަތު ކޮށްފައެވެ. މި ކަމަށް ރައްދު ދެމުން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، ޔޫކްރެއިނަށް ރަޝިޔާ ސިފައިންނަށް ހަމަލާތައް އަމާޒު ކުރަން ފަސޭހަވީ ރަޝިޔާ ސިފައިން ފަރުވާކުޑަވުމުގެ ސަބަބުން ކަމުގައެވެ. އަދި، ޤަވާޢިދާ ޚިލާފަށް އެ މީހުން މޯބައިލް ފޯނު ފަދަ އާލާތްތައް ބޭނުންކޮށްފައިވާ ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މަކީވްކާގައި ހަރަކާތްތެރިވަމުން ދިޔަ ރަޝިޔާ ސިފައިންގެ ގިނަ މީހުން މޯބައިލް ފޯނު ބޭނުންކޮށްގެން މުޢާމަލާތް ކުރަމުން ދިޔަ ކަމަށާއި، އެ ކަމުގެ ސަބަބުން ޔޫކްރެއިނަށް އެ މީހުން ތިބި ތަންތަން ދެނެގަންނަން ފަސޭހަވި ކަމުގައެވެ.

ކޮންމެ ދުވަހަކު ވީޑިޔޯ މެދުވެރިކޮށް ދެއްވާ މެސެޖުގައި މަކީވްކާގެ ހަމަލާއާ ގުޅޭގޮތުން ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ. ނަމަވެސް، ރަޝިޔާއިން ޔޫކްރެއިނަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވައި، ހަނގުރާމަ އިތުރަށް ވަރުގަދަ ކުރަން މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، އެ ކަމަށް ޔޫކްރެއިނު ސިފައިން ތައްޔާރުވަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް ފޮނުވައިގެން ހަނގުރާމަ ފަށާފައި ވަނީ 2022 ފެބުރުވަރީ 24 ވަނަ ދުވަހުއެވެ. ޔޫކްރެއިނުގެ ހަތަރު ސަރަޙައްދަކަށް ރަޝިޔާ ސިފައިން އަތްގަދަކޮށްފައިވީ ނަމަވެސް، ދެކުނުގައިވާ ޚާރްސަން މިހާރު އޮތީ މިނިވަން ކޮށްފައެވެ. ރަޝިޔާގެ ކޮންޓްރޯލްގެ ދަށުގައި މިހާރު އޮތީ އިރުމަތީގައިވާ ޑޮނެޓްސްކްގެ އިތުރުން ލުހާންސްކާއި ދެކުނުގައިވާ ޒަޕޮރީޜިޔާއެވެ. ރަޝިޔާއިން މިހާރު މަސައްކަތް ކުރަމުން ދަނީ އިރުމަތީގައިވާ ރަށެއް ކަމުގައިވާ ބަޚްމުތު ހިފުމަށެވެ.

މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ރަޝިޔާއިން ތައްޔާރު ކަމުގައި އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ޔޫކްރެއިނުން ދަނީ އެ ކަމާ ދެކޮޅު ހަދަމުންނެވެ. ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު މީގެ ކުރިން ވެސް މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވާ ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާނާ މަޝްވަރާ ކުރުމަށް ޕުޓިން ރާއްވަވާފައިވާ ކަމުގައި ކްރެމްލިންއިން ބުނެއެވެ.