އައު އަހަރާއެކު ޔަހޫދީން މި ވަނީ ފަލަސްޠީނުގެ ބިންތަކުގައި ހިންގަމުންދާ ލާއިންސާނީ އުދުވާންތައް އިތުރުކުރަން ފަށާފައެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް އައު އަހަރާ ކުރިމަތިލާން ޖެހުނީ، ޔަހޫދީންގެ އައު ސަރުކާރުގެ ނުރައްކަލާއި ބިރުވެރިކަމާއެވެ. އައު ސަރުކާރުގެ ރިޔާސަތުގައި އިންނެވީ އެތަކެއް އަހަރެއް ވަންދެން ފަލަސްޠީނުގެ މުސްލިމުން އަޅުވެތިކޮށް، މުސްލިމުން ޝަހީދު ކުރަމުންދިޔަ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ.
އައު އަހަރު ފެށުމާއެކު ޔަހޫދީންގެ އިސްތިއުމާރީ ސިފައިން މި ވަނީ ލާއިންސާނީ އުދުވާންތަކެއް ހިންގާ ފަލަސްޠީނުގެ ކުޑަކުއްޖަކު ޝަހީދުކޮށްލާފައެވެ. އެއީ އުމުރުން އެންމެ 15 އަހަރުގެ އާދަމް އައްސާމް ޝާކިރު އައްޔާދެވެ. އޭނާ ޝަހީދުކޮށްލާފައި ވަނީ ބައިތު ލަހަމްގައި ޔަހޫދީންގެ ޖައްބާރު ސިފައިން ހިންގި އުދުވާންތަކެއްގައި، އޭނާގެ މެޔަށް ބަޑި ޖަހައިގެންނެވެ.
އައްޔާދަކީ ޔަހޫދީންގެ އިސްތިއުމާރީ ސިފައިން ހިންގަމުންދާ އުދުވާންތަކުގައި މި އަހަރުގެ ތެރޭގައި ޝަހީދުކޮށްލާފައިވާ ތިންވަނަ މީހާއެވެ. ޔަހޫދީ ސިފައިންގެ ޝިކާރައަކަށްވެ، މުސްލިމުންގެ އިތުރު ދެ މީހެއްގެ ފުރާނަ ގެއްލިފައި ވަނީ އަލްޖަނީންއަށް އަރައި ޔަހޫދީންގެ ހަތިޔާރުއެޅި ސިފައިން ހިންގި އުދުވާންތަކެއްގައެވެ.
ޔަހޫދީންގެ ޖައްބާރު ސިފައިން އަލްޖަނީންއަށް އަރާފައި ވަނީ ފަލަސްޠީނުގެ ދެ މުޖާހިދެއްގެ ގެ ސުންނާފަތިކޮށްލުމަށެވެ. ޝަހީދުކޮށްލާފައި ވަނީ އެ ކަން ހުއްޓުވަން މަސައްކަތްކުރި ދެ މުސްލިމުންނެވެ. އެއީ 23 އަހަރުގެ އަޙްމަދު އައިމަން އިބްރާހީމް އާބިދާއި 22 އަހަރުގެ ޢަބްދުލް ރަޙްމާން ހާނީ ސުބްހީއެވެ. މީގެ ތެރެއިން އަޙްމަދު އާބިދަކީ ފަލަސްޠީނުގެ ސަލާމަތީ ޚިދުމަތްތަކުގައި މަސައްކަތް ކުރާ ސިފައިންގެ މީހެކެވެ.
ފާއިތުވި 2022 ވަނަ އަހަރަކީ، ޔަހޫދީން އަސްކަރިއްޔާގެ ލޭއޮހޮރުވުންތައް އެންމެ ގިނަ އެއް އަހަރެވެ. އެއީ 2005 ވަނަ އަހަރަށް ފަހު ފަލަސްޠީނުގެ އެންމެ ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލާފައިވާ އަހަރު ކަމުގައި އ.ދއިން ވެސް ވަނީ ބުނެފައެވެ. ފާއިތުވި އަހަރުގެ ތެރޭގައި ޔަހޫދީންގެ ސިފައިން ހިންގާފައިވާ ލާއިންސާނީ އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު 150 އިން މައްޗަށް އަރައެވެ.
އަދި، ކުރިއަށް ދެން އޮތީ ލޭއޮހޮރުވުންތައް އިތުރުވާނެ އަހަރެއް ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ސަބަބަކީ، ޔަހޫދީންގެ ދައުލަތުގެ އައު ސަރުކާރަކީ، ލޭއޮހޮރުވުމަށް ހިތްވަރުދޭ، އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ވެރިންތަކެއްގެ މައްޗަށް އެކުލެވިގެންވާ ސަރުކާރެކެވެ. ބޮޑުވަޒީރު ނަތަންޔާހޫ އަކީ، މީގެ އަހަރުތަކެއް ކުރިން ފަލަސްޠީނުގެ އެތަކެއް ސަތޭކަ މުސްލިމުންނެއް ޝަހީދު ކުރުމުގެ ފަހަތުގައި ހުރި މީހާއެވެ.