ޚަބަރު

އުނިކުރީ 459 މީހުން، ވޯޓްލެވޭނީ 57،255 މީހަކަށް


މިމަހު ފަހުކޮޅު އޮންނަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ( އެމްޑީޕީގެ ) ރިޔާސީ ޕްރައިމެރީގެ ދާއިމީ ވޯޓަރސް ލިސްޓް އާއްމުކޮށްފިއެވެ. ހުށައެޅި ޝަކުވާތައް ބެލުމަށްފަހު ދާއިމީ ލިސްޓް ނެރުނީ ވަގުތީ ލިސްޓުގައި ހިމެނުނު 459 މީހެއްގެ ނަން އުނިކުރުމަށްފަހުއެވެ.

މިދިޔަ މަހު އާއްމުކުރި ވަގުތީ ލިސްޓުގައިވާ ގޮތުން ވޯޓްލުމުގެ ހައްޤު 57،714 މެމްބަރަކަށް ލިބެއެވެ. މި ލިސްޓާއި އެކު ޕްރައިމެރީގައި ވާދަކުރާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓީމުން ވަނީ ލިސްޓުގައި ހުރި މައްސަލަތަކެއް ފެންމަތިކޮށްފައެވެ. އެގޮތުން ސިޔާސީ ޕާޓީގެ ދަފްތަރުގައި ނުހިމެނޭ 457 މީހަކު ލިސްޓުގައި އޮތްކަން އެޓީމުން ފާހަގަކުރިއެވެ.

މިއަދު އާއްމުކުރި ދާއިމީ ލިސްޓުގައި ތިބީ 57،255 މެމްބަރުންނެވެ. އެހެންކަމުން ޕާޓީގައި ނެތްކަމަށް ބުނި 457 މީހުންވަނީ ލިސްޓުން އުނިކޮށްފައެވެ. މީގެއިތުރުންވެސް 3 މީހެއްގެ ނަން ވަނީ ލިސްޓުން އުނިކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނިޔާވެފައިވާ ދެމީހެއްގެ ނަމާއި އަމިއްލަ އެދިގެން ޕާޓިން ވަކިވެފައިވާ މީހެކެވެ.

ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 905 ޝަކުވާ ވަނީ ހުށައަޅާފައެވެ. އޭގެތެރޭގައި ކުރިން އެމްޑީޕީގައި ތިބި 683 މީހެއްގެ ނަން ނެތުމުގެ މައްސަލަ އާއި ޕާޓީގައި ރަޖިސްޓްރީކުރި 212 މީހެއްގެ ނަން އެހެން ޕާޓީތަކުގައި އޮތުމުގެ މައްސަލަވެސް ހިމެނެއެވެ.

ޕްރައިމެރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ވަރަށް އަރިސް ބޭފުޅުން އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާކަމުގެ ތުހުމަތުތައް ކުރައްވާފައެވެ. މި ތުހުމަތުތަކަށް ރައްދުދެއްވަމުން ޕާޓީގެ ޗެއަރޕާސަންގެ ނައިބު އިދާރީ އަދި އިންތިޚާބީ ކޮމިޓީގެ މުޤައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ ރައީސް ނަޝީދަށް ތާއިދުކުރާ ނުވަތަ ވޯޓުލާނެ ބަޔަކަށްވާތީ ބަލައިގެން ޕާޓީގެ ދަފްތަރުން އެއްވެސް މީހަކު އުނިކޮށްފައިނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މިމަހުގެ 28 ގައި ބާއްވާ ޕްރައިމެރީގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދެވެ. އިންތިޚާބުގެ ވާދަވެރި ކެމްޕެއިންތައް ވަނީ ފެށިފައެވެ. ދެބޭފުޅުންވެސް ގެންދަވަނީ މާލެއާއި އަތޮޅުތަކުގައި ކެމްޕެއިންތައް ބާއްވަމުންނެވެ.