މިދިޔަ ނޮވެމްބަރުމަހާއި ޑިސެމްބަރުމަހު ރާއްޖެއިން ޢުމްރާއަށް ދިޔަ މީހުންގެ ޢަދަދު 4000 އަށްވުރެ މައްޗަށް އަރައިފިއެވެ.
ކޮންމެ އަހަރެއްގެވެސް ސްކޫލް ބަންދާއި ދިމާކޮށް ނޮވެމްބަރު އަދި ޑިސެމްބަރު މަހަކީ ރާއްޖޭގައި އެންމެ ގިނަ މީހުން ޢުމްރާއަށް ދާ ދުވަސްވަރެވެ.
މިއަހަރުގެ މިމުއްދަތުގައި ރާއްޖެއިން ޢުމްރާއަށް ގިނަ ގުރޫޕް ތަކަކުން މީހުން ވަނީ ގެންގޮސްފައެވެ. އެގޮތުން މިދެމަހު ރާއްޖެއިން 4403 މީހަކު ޢުމްރާއަށް ގޮސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މިމުއްދަތުގައި ޢުމްރާއަށް ދިޔަ މީހުންގެ ޙާލު ޢާއްމުގޮތެއްގައި ރަނގަޅުކަމަށް މަޢުލޫމާތު ލިބެއެވެ.
ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދީފައިވަނީ 43 ޖަމާއަތަކަށެވެ. އެވްރެޖްކޮށް ޢުމްރާއަށް މީހުންގެންދިޔަ ގްރޫޕްތަކުން 150އާއި 200އާއި ދެމެދުގެ ޢަދަދަކަށް މީހުން ވަނީ ގެންގޮސްފައެވެ. ކޯވިޑް-19ގެ ބަލިމަޑުކަމަށްފަހު ރާއްޖޭގައި ގިނަ ބަޔަކު އެންމެ ގިނައިން ޢުމްރާއަށް ގޮސްފައިވަނީ މިއަހަރުކަން ފާހަގަކޮށްލެވެއެވެ.
ކޯވިޑްގެ ބަލިމަޑުކަމަށްފަހު ޢުމްރާއަށް މީހުންގެންދެވޭ އުސޫލަށް ބަދަލު ގެނެސް ދުނިޔޭގެ އެކި ޤައުމުތަކުން މީހުންނަށް ޢުމްރާވުމަށް ދޭ ވިސާއަށް ސަޢުދީން ވަނީ ލުއިތަކެއް ދީފައެވެ. އަދި ޢުމްރާވުމަށް ދާން އެދޭ ފަރާތްތަކަށް ވީސާ ހަމަޖެއްސުމުގައި އޮންލައިން ވަޞީލަތްތައް މެދުވެރިކޮށް ވީސާ ހޯދުމަށް ފަހި ގޮތްތަކެއް ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން މިވޭތުވެދިޔަ 5 މަހުގެ ތެރޭގައި 4 މިލިއަން މީހުންނަށް ޢުމްރާވުމަށް ވިސާ ދޫކޮށްފައިވާކަމަށް ސަޢުދީގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއިން ހާމަކުރެއެވެ.