ޚަބަރު

ކުރީ ސަރުކާރުގައި އެޗްޑީސީގެ ވަސީލަތްތައް ގަވާއިދާއި ޚިލާފަށް ބޭނުންކޮށްފައިވޭ: އޮޑިޓް


ކުރީ ސަރުކާރުގައި 2018 ވަނަ އަހަރު ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއަށް ގަވާއިދާ ޚިލާފަށް ގިނަ މުވައްޒަފުންތަކެއް ނަގައި، އެ ކޯޕަރޭޝަންގެ ވަސީލަތްތައް އުސޫލުތަކާއި ހިލާފަށް ބޭނުންކޮށްފައިވާ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިކަން ހާމަކޮށްފައިވަނީ 2017 އިން 2018 އަށް އެޗްޑީސީގެ މަސައްކަތްތައް އޮޑިޓްކުރުމަށްފަހު ނެރުނު އޮޑިޓް ރިޕޯޓްގައެވެ


އޮޑިޓަރ ޖެނެރަލް ނެރުއްވި އެޗްޑީސީގެ އޮޑިޓް ރިޕޯޓުގައިވަނީ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އެޗްޑީސީއަށް މުވައްޒަފުން ހޯދުމަށް އާންމުކޮށް އަމަލު ކުރާ އުުސޫލާ ހިލާފަށް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް އާންމުކޮށް އިއުލާން ކުރުމެއް ނެތި، އެ ކުންފުންޏަށް ކުއްލިއަކަށް މުވައްޒަފުން ނެގި މައްސަލަ ފާހަގަކޮށްފައިވެއެވެ. އެގޮތުން އުސޫލާ ޚިލާފަށް 131 މުވައްޒަފުން ވައްދާފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ވާގޮތުން އެ މުވައްޒަފުން ނަގާފައިވަނީ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ އުސޫލުތަކާއި ހިލާފަށެވެ. އެގޮތުން މުވައްޒަފުންނަށް ވަޒީފާ ދިނުމުގެ ކުރިން ބެކްގްރައުންޑް ޗެކް ކުރުމަށް މުވައްޒަފުންގެ އަތްމަތީ ފޮތުގައި ބަޔާންްކޮށްފައި އޮތް ނަމަވެސް، އެމުވައްޒަފުންނަށް ވަޒީފާ ދިނުމުގައި ބެކްގްރައުންޑް ޗެކުކޮށްފައި ނުވާކަމަށް ރިޕޯޓުގައިވެއެވެ. އެގޮތުން 81 މީހެއްގެ ވަަޒީފާ އަށް އެދޭ ފޯމާއި ވަނަވަރު، 131 މީހުންގެ ޕޮލިސް ރިޕޯޓު އަދި 116 މީހުންގެ ތައުލީމީ ސެޓްފިކެޓު ހުށަހަޅާފައި ނުވާއިރު މުވައްޒަފުން ވަޒީފާ އަށް ނެގުމަށްފަހު ވެސް އެ ލިޔުންތައް ފައިލް ކޮށްފައިވާ ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. މީގެ އިތުރުން މާކްސް ދޭނޭ އުސޫލެއް ހަދައި ހަރުދަނާގޮތަކަށް އިންޓަވިއު ޕްރޮސެސްވެސް ކުރިއަށް ނުގެންދާކަމަށްވެސް އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުންނާއި، ވަސީލަތްތައް އުސޫލާ ޚިލާފަށް ބޭނުންކޮށްފައިވާ މައްސަލައެއްވެސް އޮޑިޓް ރިޕޯޓުން ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހުޅުމާލޭގައި މިހާރު ހިންގާ މުހައްމަދު ގާސިމް ޕްރީސްކޫލް 2018 އިން ފެށިގެން އެހެން ބަޔަކާ ބަލަހައްޓަން ހަވާލުކޮށްފައިވާއިރު، އެޗްޑީސީއާ ގުޅުމެއް ނެތް ބަޔަކު އެތަނުގައި ހިންގި އިޖްތިމާއީ ހަރަކާތެއްގައި ބޭނުންކުރަން އެޗްޑީސީގެ ވަސީލަތްތައް ގެންގޮސްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ހަމަ އެކަމުގައި އެ ކުންފުނީގެ މުވައްޒަފުން ވެސް ބައިވެރިވެ މަސައްކަތްކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން ކޮމިއުނިޓީ ސާރވޭގެ ނަމުގައި 2018 ވަނަ އަހަރު ހުޅުމާލޭގައި ސަރވއެއް ހިންގި އިރު އެކަމާއި ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް އެ ކުންފުނީގައި ނެތްކަންވެސް ފާހަގަކޮށްފައިވެއެވެ. އެކަމަކު އެ ސަރވޭއަށް އެޗްޑީސީގެ ބަޖެޓުން އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަންވެސް އޮޑިޓް ރިޕޯޓުން އެނގެއެވެ.

މި މައްސަލަތަކުގެ އިތުރުންވެސް އެޗްޑީސީގެ ގިނަ މައްސަލަތަކެއް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، އޭގެ ތެރޭގައި ހުޅުމާލޭގައި ވޯޓަރ ޕާކެއް ތީމް ހެދުމަށް ދޫކޮށްފައިވާ ބިމާއި ގުޅޭ މައްސަލަތަކެއްވެސް ހިމެނެއެވެ. އެގޮތުން އެ ބިން ސާފުކުރުމުގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު، އެކަންކޮށްފައި ވަނީ ޕްރޮކިއުމަންޓް އުސޫލާ ޚިލާފަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށް ރިޕޯޓުގައިވެއެވެ. މީގެ އިތުރަށް އެ މަސައްކަތް ޕްލޭންކޮށް ކުރިއަށްގެންގޮސްފައިވާގޮތް އެ ކުންފުނިން ބަލާފައި ނުވާކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ. އަދި މުއްދަތަށް މަސައްކަތް ނިންމާފައި ނުވާއިރު، އެ މުއްދަތު އިތުރުކޮށްމ އިތުރު ހަ މިލިއަން ރުފިޔާ ވެސް އެ ކުންފުންޏަށް ދީފައިވާކަން އޮޑިޓް ޖެނެރަލްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.