ޚަބަރު

ފަޅުތެރެއަށް 1000 ލީޓަރުގެ ތެޔޮ އެޅިފައިވޭ: އެމްއެންޑީއެފް


ރަސްމީ ފާލަން ސަރަޙައްދުގެ ފަޅުތެރެއަށް އެޅިފައިވާ ތެޔޮ މާރުކޭޓު ސަރަހައްދާ ހަމައަށް ފެތުރިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ރަސްމީ ފާލަމާ ދިމާ ފަޅުތެރެއަށް އެޅިފައިވާ ގިނަ ޢަދަދެއްގެ ކަޅުތެޔޮ ނެގުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުންދާ މަސައްކަތް ހުއްޓުމެއް ނެތި މިއަދުވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން އެސަރަހައްދަށް 1000 ލީޓަރުގެ ތެޔޮ އެޅިފައިވާކަމަށް ލަފާ ކުރެވޭ ކަމަށާއި މިސަރަހައްދުން މިހާތަނަށް 400 ލީޓަރުގެ ތެޔޮ ނަގާފައިވާ ކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.

ޢިއްޒުއްދީން ފާލަމާއި 3 ނަންބަރު ޖެޓީއާއި ދެމެދު ފަޅުތެރެއިން ގިނަ ޢަދަދެއްގެ ކަޅުތެޔޮ ފެނުމާ ގުޅިގެން، އެތެޔޮ ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

އެމްއެންޑީއެފްއިން ބުނީ ރަސްމީ ފާލަން ސަރަޙައްދަށް އެޅިފައިވާ ކަޅުތެޔޮތައް ނަގަމުންދަނީ ބޫމިންގ ބޭނުންކޮށްގެންކަމަށެވެ.
މި މަސައްކަތުގައި ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމް.އެން.ޑީ.އެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި، މާލެ އޭރިއާ މެރީންސްއާއި، މެރިން ޕޮލީސްގެ އިތުރުން މާލެ ސިޓީ ކައުންސިލުން ޙަރަކާތްތެރިވަމުންދާކަމަށް އެމް.އެން.ޑީ.އެފް.އިން ވިދާޅުވެއެވެ.

އެމްޕީއެލް ސަރަހައްދަށްވެސް ތެޔޮ އެޅިފައިވާ ކަމަށާއި ނަމަވެސް އެސަރަހައްދަށް ފެތުރިފައިވާ ތެޔޮ މިހާރު ނަގާފައިވާކަމަށް އެމްއެންޑީއެފުންވަނީ ހާމަކޮށްފައެވެ.

މިސަރަހައްދަށް ތެޔޮއެޅިފައިވަނީ ކިހިނެއްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ބުނެއެވެ.