ކުޅިވަރު

ޓީޓީ ތަރި ދީމާގެ އަމާޒު މުއީނާގެ ރިކޯޑު މުގުރާލުމަށް


ގައުމީ މުބާރާތް ޖެހިޖެހިގެން 13 ފަހަރު ހޯދި އަންހެން ޓޭބަލް ޓެނިސްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ މުއީނާ މުޙައްމަދުގެ ރިކޯޑް މުގުރާލަން މަސައްކަތް ކުރާނެ ކަމަށް މިވަގުތު ރާއްޖޭގެ އެއް ނަމްބަރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ބުނެފިއެވެ.

ގައުމީ މުބާރާތް މިލްކުކުރުމަށްފަހު، ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން ދީމާ ބުނީ، މިވަގުތު ހުރިހާ ފޯކަސްއެއް ހުރީ އޮލިމްޕިކްސްއަށް ކޮލިފައިވުމަށް ކަމަށާއި، އެކަމަށް ތައްޔާރުވުމަށް ބަރާބަރަށް ފަރިތަކުރުންތައް ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ. ދީމާ ބުނީ މި ތަމްރީނުތަކުގެ ބޭނުމަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދިނުން ކަމަށާއި، އުންމީދަކީ މިހާރަށްވުރެ ގިނަ ކާމިޔާބީތައް ހޯދުން ކަމަށެވެ.

ދީމާ ބުނީ ޖެހިޖެހިގެން ތިން ފަހަރު ގައުމީ މުބާރާތް ކާމިޔާބުކުރެވުމުން ހިތްހަމަ ޖެހިފައި ހުރިކަމަށާއި، މިއީ ބޮޑު ފަޚުރެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރަނީ ރާއްޖޭގެ އެންމެ ކާމިޔާބު ޓީޓީ ކުޅުންތެރިޔާ މުއީނާ ހަދާފައިވާ ރިކޯޑް މުގުރާލުމަށް ކަމަށެވެ.

މިދިޔަ ތިން އަހަރުވެސް ދީމާ ގައުމީ މުބާރާތް ކާމިޔާބުކޮށްފައިވަނީ އައިޝަތު ރަފާ ނާޒިމްގެ މައްޗަށް ކުރިހޯދައިގެންނެވެ. މި ދެ ކުޅުންތެރިންނަކީ އަންހެން ޓީޓީގައި މިހާރު އެންމެ ވާދަވެރި ދެ ކުޅުންތެރިންނެވެ.

މުއީނާ ހަދާފައިވާ ޖެހިޖެހިގެން 13 އަހަރު ގައުމީ މުބާރާތް ކާމިޔާބުކުރުމުގެ ރިކޯޑަށް ނިމުން ގެނައީ 2016 ވަނަ އަހަރު ރަފާއެވެ.

އޮލިމްޕިކްސް ސްކޮލާޝިޕްގެ ދަށުން ދީމާ މިހާރު ތަމްރީނުތައް ހަނދަމުން އަންނަނީ ފްރާންސްގައެވެ. އޭގެ އިތުރުން ދީމާ އަންނަނީ ތައިލެންޑްގައި ކުރިއަށްދާ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.

މި ފަހަރުގެ ގައުމީ މުބާރާތައް ދީމާ ނުކުތީ، ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފިކޭޝަންގެ ސާކް ސަރަހައްދުގެ މުބާރާތުގައި ވާދަކޮށް ގްރޫޕުގެ އެއް ވަނައިގައި އޭޝިއަން ޗެމްޕިއަންޝިޕަށް ކޮލިފައި ވުމަށްފަހުއެވެ.
މުއީނާ ހަދާފައިވާ ޖެހިޖެހިގެން 13 އަހަރު ގައުމީ މުބާރާތް ކާމިޔާބުކުރުމުގެ ރިކޯޑަށް ނިމުން ގެނައީ 2018 ވަނަ އަހަރު ރަފާއެވެ.