ޚަބަރު

"ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ފަންސާސް"ޑިޖިޓަލް ފޮތް އިފްތިތާހްކޮށްފި


ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި "ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ފަންސާސް"ގެ ނަމުގައި ޑިޖިޓަލް ފޮތެއް ޓޫރިޒަމް މިނިސްޓްރީން އިފްތިތާހްކޮށްފިއެވެ. މިފޮތް އިފްތިތާހްކޮށްދެއްވީ މައިޒާން އުމަރު މަނިކުއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ފަންސާސް މިފޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ހިޠާބެއް އެކުލެވިފައިވެއެވެ.

މިފޮތުގައި ފަތުރުވެރިކަމުގެ ފެށުން އަދި އޭގެ މުހިންމު ބައިވެރިން، ފަތުރުވެރިކަން ތަރައްޤީވަމުން އައިގޮތާއި، ސަރުކާރުގެ ދައުރާއި، ރާއްޖޭގެ އިޤްތިޞާދުގައި ފަތުރުވެރިކަމުގެ ދައުރު ހިއްސާކޮށްފައިވެއެވެ. އަދި ދަތުރުފަތުރަށް އައި އިންޤިލާބީ ބަދަލުތަކާއި ފަތުރުވެރިކަމާއި ގުޅުންހުރި ބިޔަ ބޮޑެތި މަޝްރޫޢުތަކާއި، ފަތުރުވެރިކަން ދެމެހެއްޓުމަށް ކުރިއަށް އޮތް ޖީލުތަކުގެ ޒިންމާ ފަދަ ބައިތައްވެސް މިފޮތުގައި ހިމަނާފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މިއަހަރު، މިދާއިރާއިން ގިނަ ކާމިޔާބީތައް ރާއްޖެއިންވަނީ ހޯދާފައެވެ. އެގޮތުން މިސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ، ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑް ލީޑިންގް ޑެސްޓިނޭޝަން"ގެ އެވޯޑް ޖެހިޖެހިގެން 3 ވަނަ ފަހަރު ރާއްޖެއިންވަނީ ހޯދާފައެވެ.

މީގެއިތުރުން، ސަރުކާރުން މިއަހަރު އަމާޒުހިފާފައިވާ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ އަމާޒު މިމަހުގެ 20 ވަނަ ދުވަހު ވަނީ ހާސިލްވެފައެވެ.