ޚަބަރު

ޤައިދީންނާ ބައްދަލުކުރެވޭ އާއިލީ މެމްބަރުން ގިނަކޮށްފި


ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާ ބައްދަކުރެވޭ އާއިލީ މެމްބަރުން އިތުރުކޮށްފިއެވެ.

ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭނީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރާ ފަރާތްތަކުގެ ތެރެއިން، ތަޙުޤީޤު މަރުހަލާގައި ތިބޭ ފަރާތްތަކާއި، ބަންދުކޮށްފައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެފައިވާ ފަރާތްތަކުގެ ތެރެއިން ކޯޓަށް ހާޒިރުކުރުމުގެ ބޭނުމަށް ހައްޔަރުކޮށް ބަންދުކުރާ ފަރާތްތަކެވެ.

ކަސްޓޯޑިއަލް ޖަލުތަކުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު ކުރިން އޮތްގޮތުން ފުލުހުންގެ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މީހުންނާ ބައްދަލު ކުރެވޭނީ މައިންބަފައިންނާއި، ދޮންމަންމަ އަދި ބައްޕަ އާއި، އަނބިން އަދި ފިރިންގެ އިތުރުން ދަރިންނާއި، އެއްބަނޑު އެއްބަފާ މީހުންނާއި، މާމަ އަދި ކާފަ ދަރިންނާއި، މާމަ އަދި ކާފައަށެވެ. މީގެ އިތުރުން ޝަރުއީ ބަދަލުވެރިންނަށް ވެސް ބައްދަލުކުރެވެއެވެ. މި އުސޫލުގައި އޮންނަގޮތުން ޤައިދީންނަށް ޖަނާޒާގައި ބައިވެރިވެވޭނީ ވެސް އެމީހުންގެ އެވެ.

އެހެންނަމަވެސް އުޞޫލަށް ގެނައި ބަދަލާއެކު ޤައިދީންނަށް ބަދަލުކުރެވޭ މީހުންގެ ލިސްޓަށް ބޮޑު ދައްތަ އާއި ބޭބެ، އަދި އެއްބަނޑު މީހުންނާއި އެއްބަފާ މީހުންނާއި، އެމީހުންގެ ދަރިން ވެސް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރަށް ދޮން ދަރިންނާއި، ދޮން ކާފަ އަދި މާމަގެ އިތުރަށް ޝަރުއީގޮތުން ބެލެނެވެރިކަން ލިބިފައިވާ މީހުން ވެސް ވަނީ ހިމަނާފައެވެ.

ރާއްޖޭގެ ޖަލުތަކުގައި ކުށްކުރުން އާންމުވުމާއި، ކުށްތަކުގައި ޖަލަށްލާ މީހުން އެތަނުން ނުކުންނައިރު އެއަށް ވުރެ ބޮޑެތި ކުށްތަކަށް އަރައިގަންނަ މައްސަލައަކީ ރާއްޖޭގެ މުޖުތަމައުގައި މިހާރު އޮތް އެންމެ ކަންބޮޑުވާ އެއް މައްސަލަކަމަށް ހޯމް މިނިސްޓަރވެސް ވަނީ ވިދާޅުވެފައެވެ. ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ޖަލުތަކަކީ ރިހެބިލިޓޭޓް ކުރާ ތަންތަނުގެ ގޮތުގައި ބައްޓަން ކުރުމަށެވެ.