ޚަބަރު

ދެ ވެރިކަމުގެ ތަޖުރިބާއިން މާރިޔާ ދެއްކެވީ ރައީސް ޞާލިޙު ހެޔޮ ވެރިއަކަށްވާ ސަބަބުތައް


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ތަޖުރިބާއާއި، ދެ ވެރިކަމުގައި ހުރި ތަފާތުތައް ބަޔާންކޮށްދެއްވާ ރައީސް ޞާލިޙަކީ ހެޔޮވެރިއެއްކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް މޯލްޑިވިއަން ޑޮމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެ ޕާޓީން ބާއްވާ ޕްރައިމަރީ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މާރިޔާ ވަނީ 2008 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުމުން ކަން ހިނގާދިޔަ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އޭރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ރައީސް ނަޝީދު ހޮވިވަޑައިގެންނެވި އިރު، އެ ވެރިކަމަކީ ވެސް ކޯލިޝަނަކުން އައި ވެރިކަމެކެވެ.

އެގޮތުން އެ ވެރިކަމުގައިވެސް ކޯލިޝަން ޕާޓީތަކުގެ މެދުގައި ވަޒީރުންގެ މަޖިލީހުގެ ގޮނޑިތައް ބަހާފައިވާއިރު، ވެރިކަން ފަށައިގެން މާ ގިނަ ދުވަސްތަކެއް ނުވަނީސް ކޯލިޝަން ރޫޅި ބައެއް ވަޒީރުން އިސްތިއުފާވެސް ދެއްވިއެވެ. 5 އަހަރުގެ ދައުރެއް ހަމަނުވަނީސް އޭރު ކޯލިޝަނުގައި ވެސް ތިބި ބައެއް ބައިވެރިން އިދިކޮޅަށް ނުކުމެ ވެރިކަން ވެއްޓުނީއެވެ.

ކޯލިޝަން ސަރުކާރަކީ ކައިވެންޏެއްގެ ގޮތުގައި ސިފަކުރައްވާ މާރިޔާ ވިދާޅުވީ، ރައީސް ނަޝީދުގެ ދައުރުގައި ހަނީމޫން ދުވަސްވަރު ނުނިމެނީސް ކޯލިޝަން ރޫޅިފައިވާ ކަމަށެވެ. މާރިޔާ ވިދާޅުވީ، ކޯލިޝަނެއް ހެދުމަކީ ފަސޭހަކަމަކަށް ވީނަމަވެސް އެ ކޯލިޝަން ދެމެހެއްޓުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި މިހާތަނަށް އައިއިރު އެ ރީތި މަންޒަރު ރައްޔިތުންނަށް ދެއްކުނީ ރައީސް ޞާލިޙަށް އެކަނިކަން ފާހަގަކުރެއްވިއެވެ.

"ކޯލިޝަން ސަރުކާރެއް ދަަމަހައްޓަން ފަސޭހައެއް ނުވާނެ. އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިވާނެ. އެހެންނަމަވެސް ކޯލިޝަން ދަމަހައްޓަން އެބަޖެހޭ. އެންމެ ގިނަ ބަަޔަކާ އެކީގައި ކެއްތެރިކަމާއެކީގައި ހަތަރު އަހަރު ވެގެންދިޔަ އިރު މިހިސާބަށް ވެރިކަން ގެންނެވުނު ބޭފުޅަކީ ރައިސް ޞާލިޙު" މާރިޔާ ވިދާޅުވިއެވެ.

އެމްޑީޕީ އަލަށް އުފެދިގެން އައި އިރުވެސް ޕާޓީގައި ދެގޮތެއް ނުވެ ހަރަކާތްތެރިވި ބޭފުޅުންގެ ތެރޭގައި މާރިޔާ ހިމެނިވަޑައިގަންނަވާއިރު، އެ ޕާޓީގެ މަންމަގެ ގޮތުގައި ސިޔާސީ ބޭފުޅުން ވެސް މާރިޔާ ސިފަކުރައްވައެވެ.

އެކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ، މަންމައެއްގެ ހައިސިއްޔަތުން ރައީސް ނަޝީދާއި ރައީސް ޞާލިހު ވާދަކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ. އެކަމަކު މި އިންތިޚާބުގައި ރައީސް ޞާލިހާއެކު ނިކުންނެވީ އެމަނިކުފާނަކީ ހިންގުންތެރި ހެޔޮވެރިއެއްކަން ޔަޤީންވާތީ ކަމަށް ވިދާޅުވިއެވެ.

ރައީސް ޞާލިހު ކަންމުގައި އަމަލުކުރައްވާއިރު ގެންގުޅުއްވާ މަޑުމައިތިރިކަމަށް އިދިކޮޅާއި ރައީސް ނަޝީދުވެސް ފާޑުވިދާޅުވެ އެމަނިކުފާނަކީ "ރިއެކްޓު ނުކުރައްވާ" ބޭފުޅެއް ކަމަށް ވިދާޅުވެއެވެ. އެކަމަށް ރައްދުދެއްވައި މާރިޔާ ވަނީ ރައީސް ޞާލިޙުގެ މަޑުމައިތިރިކަމަކީ އަސްލު އެމްޑީޕީގެ ސިފައެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީއަކީ ރިއެކްޓުކުރާ ޕާޓީއެއް ނޫން ކަމަށާއި، ހުރިހާ ކަމެއްވެސް އަމަލުން ދައްކާ ޕާޓީއެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަބަދުވެސް ދައްކަނީ ހަކުޅި ކުރިއަށް ކުޅޭ ވާހަކަ. ތިބޭފުޅުން އަބަދުވެސް ހަނދާން ހުންނާނެ އަޅުގަނޑުމެންނަކީ ބައެއްގެ ފަހަތުން ބަޔަކު ކުރާ ކަންތަކަށް ބަލަމުންދާ ބައެއްނޫން. ހަކުޅި ކުރިއަށް ކުޅޭ ވާހަކަ ދައްކަމުން މިހިސާބަށް އައިސްފަ ކުއްލިއަކަށް ރިއެކްޓުގެ ވާހަކަ ދެއްކުނީމަ އަޅުގަނޑު ވަރަށް ދެރަވޭ" މާރިޔާ ވިދާޅުވިއެވެ.

މި ސަރުކާރުން ގެންގުޅޭ ހަމަހަމަކަމުގެ ސިޔާސަތަށްވެސް ނަޝީދު ފާޑުވިދާޅުވިކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ، ހަޤީޤަތުގައި އެމް.ޑީ.ޕީއިން މިހާތަނަށް ވެސް ދައްކަނީ އުމްރާނީ ތަރައްޤީގެ ވާހަކަ ނޫން ކަމަށާއި، އެޕާޓީން ޤަބޫލުކުރާގޮތުގައި ތަރައްޤީވާނީ މީހާ ތަރައްޤީވެގެން ކަަމަށެވެ. އަދި އެކަމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ޖެހޭނެ ކަމަށާއި، އޭގައި ކުޑަރަށެއް ބޮޑުރަށެއް ބެލުމެއް ނޯންނާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ނުކުތީވެސް އެ ސަބަބުތަކާ ހެދިކަން މިނިސްޓަރ މާރިޔާ ހަނދާންކޮށްދެއްވިއެވެ.

އެމް.ޑީ.ޕީގެ ޕްރައިމަރީ އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނައިރު، ދެ ކެންޑިޑޭޓުން ވެސް މިހާރު ވަނީ ރަސްމީކޮށް ކެމްޕޭން ހަރަކާތްތައް ފަށާފައެވެ.