ކުޅިވަރު

ކުޑަކާއްޓޭ އާއި އެޑަމާއަށް ތާރީޚީ ރަން މެޑެއްޔެއް


ސައްތައިން ސައްތަ ރިކޯޑަކާއެކު، ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން ބީޗް ވޮލީބޯލް ޓުއާގެ ރަން މެޑަލް ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމާ)ގެ ޕެއާއިން ހޯދައިފިއެވެ.

މިއީ ސެންޓްރަލް އޭޝިއާ ވޮލީބޯލް މުބާރާތަކުން ރާއްޖެއަށް ރަން މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ.

ކުޑަކާއްޓޭ އާއި އެޑަމާގެ ޕެއާއިން ވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ކިރްގިސްތާންގެ މެޑެޓްބެކް އޫލޫ އާއި ޒީންބެކް އޫލޫގެ ޕެއާ ބަލިކުރީ ސީދާ ދެ ސެޓުންނެވެ. ދެވަނަ މެޗުގައި ބޫޓާންގެ ޑޯޖީ އާއި ޖިގްމޭގެ ޕެއާ ވެސް ދެ ސެޓުން ބަލިކުރިއިރު، ތިންވަނަ މެޗުގައި ބަންގްލަދޭޝްގެ މޮންސޫރާއި ހައިދަރުގެ ޕެއާ ބަލިކުރީވެސް ސީދާ ދެ ސެޓުންނެވެ. އަދި ސެމީ ފައިނަލުގައި ބަންގްލަދޭޝްގެ ބިސްވާން އާއި ޕަވެލްގެ ޕެއާގެ މައްޗަށްވެސް ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ.

ހުކުރު ދުވަހު ހެނދުނު ކުޅުނު ފައިނަލް މެޗުގައި ކުޑަކާއްޓޭ އާއި އެޑަމާގެ ޕެއާއިން ބައްދަލުކުރީ ނޭޕާލްގެ މާން އާއި ދިލްގެ ޕެއާއާއެވެ.

ފައިނަލް މެޗުވެސް ކުޑަކާއްޓޭ އާއި އެޑަމާގެ ޕެއާއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާއެކު 13-21 އިން ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއިން ކާމިޔާބުކުރިއިރު، ދެވަނަ ސެޓު ކުރީކޮޅު ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނުނު ނަމަވެސް ސެޓުގެ ފަހު ކޮޅު ކުޑަކާއްޓޭ އާއި އެޑަމާގެ ޕެއާއިން ވަނީ ލީޑު ނަގައި މި ސެޓު 21-19 އިން ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގައި ރާއްޖޭން ވާދަކުރި ދެވަނަ ޕެއާ އަކީ ޝަމާއިލް ހުސެއިން އާއި އަޙްމަދު މުޙައްމަދު (ކޯކޭ)ގެ ޕެއާއެވެ. ޝަމާއިލް އާއި ކޯކޭގެ ޕެއާއިން މުބާރާތުގެ ފުރަތަމަ މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރި ނަމަވެސް ޖެހިގެން އައި ދެ މެޗުން ބަލިވެ، މުބާރާތުން ވަނީ ކަޓައިފައެވެ.

މިއީ ޝަމާއިލް އާއި ކޯކޭގެ ޕެއާއެއްގެ ގޮތުގައި ވާދަކުރި ފުރަތަމަ މުބާރާތެވެ. އުންމީދީ ކުޅުންތެރިޔާ ޝަމާއިލް ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ފަހުން މުބާރާތެއްގައި ކުޅުނު މިއީ ފުރަތަމަ ފަހަރެވެ. ޝަމާއިލް ވަނީ މީގެ ކުރިން އިންޑޯ ވޮލީގެ ގައުމީ ސީނިއާ ޓީމަށް ކުޅެފައެވެ.