ޚަބަރު

ޝިއާއު މަރުގެ ޝަރީއަތް ސިއްރުކޮށްދޭން އެދިއްޖެ


ހެންވޭރު ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް ސިއްރުކޮށްދޭން ދައުލަތުން އެދިއްޖެއެވެ.

އޯގަސްޓު މަހުގެ 7 ވަނަ ދުވަހު ހ.ޝީރީންވިލާގައި މަރާލާފައި އޮއްވާ ޝިއާއުގެ ހަށިގަނޑު ފެނުނު އިރު އޭނާގެ ހަށިގަނޑުން ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެރޭ އެތަނުން އޭނާގެ ހަށިގަނޑު ބޮޑީ ބޭގުގައި ފުލުހުން ގެންދިޔައީ ދެ ކޮތަޅަކަށް އަޅައިގެންނެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ފ. ނިލަންދޫ، ފިނިފެންމާގޭ، ޢުމުރުން 23 އަހަރުގެ އަލީ ޝާހިލްއެވެ.

މި މައްސަލާގައި ޝާހިލްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. ޢަލީ ޝާހިލްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން އިތުރު ހަތަރު ދައުވާއެއް ވެސް ވަނީ އޭނާގެ މައްޗަށް އުފުލާފައެވެ. އޭގެ ތެރޭގައި އޮރިޔާން ކާޑު ގެންގުޅުމާއި ކެނެބިސް ބޭނުންކުރުމުގެ ދައުވާ ހިމެނެއެވެ. ބާކީ ދެ ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ޕީޖީ އޮފީހުން ބުނީ އެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް އެދިފައިވާނެ ކަމަށާއި އެގޮތަށް އެދުނީ އާއިލާގެ މަސްލަހަތަށްޓަކާ ކަމަށެވެ. އަދި ޝާހިލްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއް ސިއްރުކުރީވެސް އެހެންވެކަން އެ އޮފީހުން ހާމަކޮށްފައިވެއެވެ.

ޝިއާއުގެ މަރުގެ މައްސަލައަށް ޝާހިލްގެ އެއްބާރުލުން އެކަށީގެންވާ ވަރަށް ލިބިފައި ނުވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އޭނާގެ ފޯނު ހުޅުވާ، އޭގެ ޑާޓާތައް ފުލުހުން ނަގާފައިވާކަންވެސް ފުލުހުން ކުރިންވަނީ ހާމަކޮށްފައެވެ. ފުލުހުން ކުރިން ވިދާޅުވީ ޝާހިލް، ޝިއާއު މަރާލިކަން ސާބިތުވާނެ ވަރަށް އެކަށީގެންވާ ހެކި ހުރިނަމަވެސް މައްސަލާގައި އޭރު ދައުވާ ނުއުފުލައި މަޑުކުރީ ހަމަލާގެ މޯޓިވް ދެނެގަތުމަށްކަމަށެވެ. އެކަމަކު އަދި ފުލުހުން އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލާގައި ފުލުހުން ބެލި ބެލުމުން މިކަމުގައި އިތުރު އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތްކަން އަދި ތަހުގީގަށް އެނގިފައި ނުވާކަމަށާ، މިއީ ކުރިން ރޭވިގެން ހިންގާފައިވާ އަމަލެއްކަމަށް ނުބެލެވޭ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.