ޚަބަރު

ބާ ކައުންސިލުގެ ޚިދުމަތްތަކަށް ނަގާނެ ފީތައް ކަނޑައަޅާ އާއްމުކޮށްފި


ދިވެހިރާއްޖޭގެ ބާ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ނަގާނެ ފީތައް ކަނޑައަޅާ އާއްމުކޮށްފިއެވެ. މި އަގުތަކަށް މި ފެށޭ އައު އަހަރާއެކު ޢަމަލުކުރާނެކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.

މި ފީތައް ބާ ކައުންސިލުން ނަގަން ފަށާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނައި ދެވަނަ އިސްލާޙުގެ ދަށުންނެވެ. މި އިސްލާޙުގައިވާ ގޮތުން ބާ ކައުންސިލަށް އާމްދަނީ ހޯދޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

އެގޮތުން އާމްދަނީ ހޯދޭނެ 4 ގޮތެއް މި އިސްލާޙުގައި ތަފްޞީލުކޮށްދީފައިވެއެވެ. އެއީ ކައުންސިލަށް ވަކީލުން ދޭ ޗަންދާއާއި ބާ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފީ ނަގައިގެންނާއި، ބާ ކައުންސިލުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުންނާއި، އެ ކައުންސިލުން އެހެނިހެން ހަރަކާތްތައް ހިންގައިގެން ހޯދާ އާމްދަނީއެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް 2 ވަނަ އިސްލާޙް ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަޞްދީޤުކުރައްވާފައިވަނީ 24 އޮކްޓޫބަރު 2022 ގައެވެ. މި ޤާނޫނަށް ގެނެވުނު މައިގަނޑު އިސްލާޙުތަކުގެ ތެރޭގައި ޤާނޫނީ ވަކީލުންގެ ސުލޫކީ މައްސަަލަތައް ބެލުމުގައި ބާ ކައުންސިލުން ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމާއި، ބާ ކައުންސިލްގެ ބަޖެޓާއި، މާލީ ކަންކަން ބަލަހައްޓާނެ ގޮތް ކަނޑައަޅައި ބަޔާން ކުރުމާއި، ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށައަޅާ ފަރާތްތަކުން ފުރިހަަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމާއި ގުޅޭ އިސްލާޙުތައް ހިމެނެއެވެ.

ބާ ކައުންސިލް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އަންނަ ޖެނުއަރީ 1 އިން ފެށިގެން އެ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގުތައްވެސް ކަނޑައަޅާފައިވެއެވެ.

ބާ ކައުންސިލުގެ ޚިދުމަތްތަކުގެ ފީތައް:

- ލޯ ފާމް ރަޖިސްޓާ ކުރުމަށް އަދި އަހަރީ ފީ : 2000ރ.
- ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް : 2000ރ.
- ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް : 2000ރ.
- ހައި ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް : 1500ރ.
- ޕަބްލިކް ނޯޓަރީގެ ހުއްދަ ދޫކުރުމާއި އައު ކުރުން : 2000ރ.
- ގާނޫނީ ވަކީލުކަމުގެ ހުއްދަ ގެއްލިގެން އަލުން ހެދުން : 1000ރ.
- ސެޓްފިކެޓް އޮފް ގުޑްސްޓޭންޑިން : 1000ރ.
- ލީގަލް ޕްރެކްޓިސް ރަޖިސްޓްރާ ކުރުމަށް އަދި އަހަރީ ފީ : 1000ރ.
- އެކްސްކޯގެ އިންތިޚާބުގެ އިދާރީ ފީ : 5000ރ.
- ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާކަން އަންގައިދޭ ކާޑު ހެދުމަށް އަދި އާކުރުމަށް : 500ރ.
- ގާނޫނީ ވަކީލުކަމުގެ ހުއްދަ ޓްރާންސްލޭޝަން : 1000ރ.

ބާ ކައުންސިލަކީ ރާއްޖޭގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ. ބާ ކައުންސިލް އުފެދިފައި ވަނީ 2019 ވަނަ އަހަރު މަޖިލީހުން ބާ ކައުންސިލްގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފައްދަން ހުށައެޅި ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ތަސްދީގު ކުރެއްވުމާއި އެކުގައެވެ.

ބާ ކައުންސިލްގެ މަސްއޫލިއްޔަތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތްކުރުމާއި، ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓުކޮށް، ފިޔަވަޅު އަޅައި ބެލެހެއްޓުން ހިމެނެއެވެ. އަދި ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ އުޞޫލުތައް ކަނޑައެޅުމާއި، ޤާނޫނީ ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންޞާފުވެރިކަމާއެކު ކުރިއަށްދާކަން ކަށަވަރުކުރުން ހިމެނެއެވެ.

ބާ ކައުންސިލްގެ ގާނޫނުގައިވާ ގޮތުން ވަކީލުންނަށް ހުއްދަ ދޫކުރުމާއި، ވަކީލުން ކުރާ މަސައްކަތްތައް ބަލައި، ފިޔަވަޅު އެޅުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ބާ ކައުންސިލުންނެވެ. އަދި ވަކީލުންނާ ގުޅުން ހުރި ހުރިހާ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރާނީވެސް ބާ ކައުންސިލުންނެވެ. އޭގެ ތެރޭގައި ދައުލަތުގެ ވަކީލުންވެސް ހިމެނެއެވެ.