ޚަބަރު

ނަޝީދުގެ ކެމްޕެއިން ފަށައި، ރައްޔިތުންނާއި ބައްދަލުކުރަން ފަށައިފި


އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ ހަރަކާތްތްތައް ފަށައިފިއެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތްތައް ފަށާފައިވާއިރު އެމަނިކުފާނުގެ ފުރަތަމަ ކެމްޕެއިން ޖަލްސާ ރޭ ސަލްޓަން ޕާކުގައި ވަނީ ބާއްވާފައެވެ.

އިންތިޚާބުގެ ކެމްޕޭން ރަސްމީކޮށް ދެ ކެންޑިޑޭޓުންވެސް ފައްޓަވާފައިވާއިރު، ރައީސް ނަޝީދުގެ ފުރަތަމަ ޖަލްސާ ބާއްވާފައި ވަނީ ރޭ ސަލްޓަން ޕާކުގައެވެ.

"ފިކުރެއްގެ ދިރުން" މި ޝިއާރުގެ ދަށުން ރައީސް ނަޝީދު ފެއްޓެވި ކެމްޕޭނުގެ ފުރަތަމަ ޖަލްސާގައި އެމަނިކުފާނު ވަނީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވި ސަބަބާއި، އެމަނިކުފާނުގެ ސިޔާސަތުތައް ހާމަކުރައްވާފައެވެ. އަދި ސަރުކާރުގެ ބައެއް ސިޔާސަތުތަކަަށް އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޖަލްސާއެއް މާލޭގައި ބާއްވާފައިވާއިރު އެމަނިކުފާނު މިއަދު ވަނީ ހއ.އަތޮޅަށް ދަތުރުފުޅެއްވެސް ފައްޓަވާފައެވެ. މިއަދުން ފެށިގެން އަންނަ ހޮނިހިރުދުވަހުގެ ނިޔަލަށް ކުރާ މި ދަތުރުގައި ހއގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

ރައީސް ސާލިހުވެސް ވަނީ އެމަނިކުފާނުގެ ކެމްޕެއިން ފަށްޓަވާފައެވެ. އެގޮތުން އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ޖަގަހަ ޖަލްސާތައް މިދިޔަ ހަފްތާގައި ފަށާފައިވާއިރު، ކެމްޕޭން ޓީމްގެ ދަތުރުތައްވެސް މިހާރު ވަނީ އަތޮޅުތަކަށް ފަށާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު އޮންނަނީ އަންނަމަހުގެ 28 ވަނަ ދުވަހުއެވެ.