އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ބޯންމަތު ބައްދަލުކުރި މެޗް ޗެލްސީ ކާމިޔާބުކޮށްފިއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީންނެވެ.
މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 16 ވަނަ މިނެޓްގައި ޖަހާދިނީ ކައި ހަވާޓްޒްއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ޖަހާދިނީ ޗެލްސީއަށް 150 ވަނަ މެޗް ކުޅުނު މޭސަން މައުންޓެވެ. މިލަނޑާއެކު މި މެޗްގައި ގިނަ ލަނޑުތަކެއް ފެނިގެންދާނެކަމަށް ބެލެވުނު ނަމަވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ.
މި މެޗްގައި ކްރިސްޓިއަން ޕުލިސިޗް އިތުރު ލަނޑެއް ޖެހި ނަމަވެސް އެލަނޑު ޖެހުމުގެ ކުރިން ހަވާޓްޒް ބޯންމަތުގެ ކުޅުންތެރިއަކަށް ފައުލް ކޮށްފައިވުމުގެ ސަބަބުން އެލަނޑު ބަލައިގެންފައެއް ނުވެއެވެ. މިމެޗްގައި އަނިޔާގެ ސަބަބުން ވާރލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ގެއްލިގެންދިޔަ ރީސް ޖޭމްސް ކުޅުނު ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު އަނެއްކާވެސް އަނިޔާގެ ސަބަބުން އޭނާވަނީ ބަދަލުކޮށްފައެވެ.
މި ކާމިޔާބީއާއެކު ޗެލްސީ މިހާރު އުޅެނީ ކުޅުނު 15 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ. އަދި ބޯންމަތު އުޅެނީ ކުޅުނު 16 މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.