ޚަބަރު

ޕީކް ސީޒަން ފެށި، ވީއައިއޭގެ ރަންވޭގެ އައު ރެކޯޑެއް


ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭ ރެކޯޑެއް ޤާއިމްކޮށްފި ކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ހުޅުވި ފަހުން ޤާއިމްކުރެވުނު ރެކޯޑެކެވެ.

ކޮންމެ އަހަރެއްގެވެސް ފަހުކޮޅަކީ ގިނަ އަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ދުވަސްވަރެކެވެ. އަދި މިދުވަސްވަރަކީ ސްކޫލު ބަންދު ދުވަސްވަރުކަމުން ގިނަ އަދަދެއްގެ ދިވެހިންވެސް އެކިތަންތަނަށް ދަތުރުކުރެއެވެ. މިއާއިއެކު ރާއްޖޭގެ މައި އެއަރޕޯޓްކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް، ވީއައިއޭއަށް ވަނީ ބާރުބޮޑުވެފައެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވީ، މިމަހުގެ 22 ވަނަ ދުވަހު ވީއައިއޭގެ ރަންވޭ މޫވްމަންޓްގެ އައު ރެކޯޑެއް ޤާއިމްކޮށްފައިވާކަމަށެވެ. އެއީ ޖުމްލަ 228 ރަންވޭ މޫވްމަންޓް ކަމަށް އެމްއޭސީއެލްއިން މަޢުލޫމާތުދެއެވެ. މީގެތެރޭގައި، 104 ބައިނަލްއަޤްވާމީ ފްލައިޓާއި، އެތެރޭގެ ދަތުރުތަކުގެ 104 ދަތުރުގެ އިތުރުން، 20 ޖެނެރަލް އޭވިއޭޝަން ހިމެނެއެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ޕީކް ސީޒަން ކަމުން އެއަރޕޯޓުންދޭ ޚިދުމަތްތައް ހަރުދަނާކުރުމަށްވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މޯލްޑިވްސް އިމިގްރޭޝަނުންވަނީ އިމިގްރޭޝަން ކައުންޓަރުތައްވެސް އިތުރުކޮށްފައެވެ. އޭގެތެރޭގައި ޑިޕާޗަރއަށް 7 ކައުންޓަރ އަދި އެރައިވަލްއަށް 11 ކައުންޓަރ އިތުރުކޮށްފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

މީގެއިތުރުން، އެއަރޕޯޓުގެ ކިއުތައް ދިގުވެ، ޑިލޭތައް މަދުކުރުމަށްޓަކައި ފުރުމުގެ 3 ގަޑިއިރުކުރިން އެއަރޕޯޓަށް ދިއުމަށް އެމްއޭސީއެލްއިން ވަނީ އެދިފައެވެ. އަދި ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް ޗެކްއިން ވުމުގެ ކުރިން އިމުގާ ފޯމް ފުރުމަށްވެސް އެމްއޭސީއެލްއިން ވަނީ އެދިފައެވެ.