ވިޔަފާރި

ބީއެމްއެލްގެ ވީލް ޗެއަރތަކާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމަށް ބޮޑު ބަދަލެއް


ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ، ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކުރުމުގެ މަސައްކަތް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ 2017 ވަނަ އަހަރު ފަށާފައެވެ. މި މަސައްކަތުގެ ދަށުން އިތުރު 33 މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާ ކުރަން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ނިންމާފައެވެ.

2017 ވަނަ އަހަރުން ފެށިގެން ބޭންކުން ހިންގާ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުޅޭ، ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 200 އަށްވުރެ ގިނަ ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވީ މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން ގިނަ ފަރުދުންނާއި އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްދެވިފައިވާކަމަށެވެ.

" ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހިތެރިކަން ފޯރުކޮށްދިނުމަކީ ބޭންކުން އަބަދުވެސް ވަރަށް ބޮޑު އަހައްމިޔަތުކަމެއްދޭ ކަމެއް. މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން މިވަނީ ގިނަ ފަރުދުންނާއި އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައި. މި ފުރުސަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވީލް ޗެއަރ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން." ކާރލް ސްޓުމްކަ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ގިނަ ޕްރޮގްރާމްތަކެއް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވަމުންނެވެ. މިގޮތުން ދާދި ފަހުން ބޭންކުންވަނީ 10 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތިވެސް ހަދިޔާކޮށްފައެވެ. މީގެ އިތުރުން މޯލްޑިވްސް ޑެފް އެސޯސިއޭޝަނާއި ގުޅިގެން ބޭންކުން ވަނީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ ހަރަކާތްތަކެއްވެސް ހިންގާފައެވެ. އަދި މިއަހަރު ކުރީކޮޅު ބޭންކުންވަނީ އެ އެސޯސިއޭޝަނުން ތައްޔާރުކުރަމުންދާ އޮންލައިން ޑިކްޝަނަރީ އެއް އުފެއްދުމުގެ މަސައްކަތަށްވެސް އެހީތެރިކަންފޯރުކޮށްދީފައެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ޓްރާންސްޕޯޓްގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕާރސަންސް ވިތް ޑިސަބިލިޓީސް އަށްވެސް ބޭންކުންވަނީ ދާދިފަހުން އެހީތެރިކަން ފޯރުކޮށްދީފައެވެ.