ކުޅިވަރު

އަންނަ އަހަރު ރާއްޖެއިން 5 ގޭމްސްއެއްގައި ވާދަކުރާނެ


އަންނަ އަހަރު ރާއްޖެއިން ބައިނަލްއަގްވާމީ ފަސް ގޭމްސް އެއްގައި ބައިވެރިވާނެކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)އިން ބުނެފިއެވެ.

އަންނަ އަހަރު ބައިވެރިވާން ނިންމާފައިވާ ގޭމްސްތަކަކީ ކޮމަންވެލްތު ޔޫތު ގޭމްސް، އެނޮކް ވޯލްޑް ބީޗް ގޭމްސް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)، އޭޝިއަން ގޭމްސް އަދި އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް އެވެ.

އެންމެ ފުރަތަމަ ފަށާނީ ޓްރިންޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތް ޔޫތު ގޭމްސްއެވެ. އުމުރުން 14 އަހަރާއި 18 އަހަރާއި ދެމެދުގެ އެތުލީޓުންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ކުރިޔަށްދާނީ އޯގަސްޓް 4 އިން 11 ގެ ނިޔަލަށެވެ.

އެއަށްފަހު ދެން އޮތީ އިންޑޮނޭޝިއާގެ ބާލީގައި ބާއްވަން ތާވަލުކޮށްފައިވާ އެނޮކް ބީޗު ގޭމްސްއެވެ. މުބާރާތް ފަށާނީ އަންނަ އަހަރުގެ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި ނިމޭނީ 12 ގައެވެ.

އެންމެ ބޮޑު ޓާގެޓެއް އޮވެގެން ބައިވެރިވާ ގޭމްސްއަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އެވެ. މަޑަގަސްކަރައިގައި މުބާރާތް ކުރިއަށްދާނީ އަންނަ އަހަރުގެ އޮގަސްޓު މަހުގެ 25 އިން ސެޕްޓެމްބަރުގެ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.

ދެން އެއަށްފަހު ބައިވެރިވާނީ އޭޝިއަން ގޭމްސްގައެވެ. ޗައިނާގައި ބާއްވަން އެންމެ ފުރަތަމަ މަސައްކަތްކުރި މި މުބާރާތް ފަސްކުރީ ކޮވިޑުގެ ހާލަތާއި ގުޅިގެންނެވެ. މި ގޭމްސް ކުރިޔަށްދާނީ ސެޕްޓެމްބަރު 23 އިން އޮކްޓޯބަރު 8 ގެ ނިޔަލަށެވެ.

އަންނަ އަހަރު ރާއްޖޭން ބައިވެރިވާނެ އެންމެ ފަހު ގޭމްސް އަކީ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްއެވެ. ތައިލެންޑްގެ ޗޮމްބޫރީ އާއި ބެންކޮކްގައި ބާއްވާ އެ މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

މިއަހަރުވެސް ރާއްޖޭން ފަސް ގޭމްސްއެއްގައި ވާދަކުރަން ނިންމި ނަމަވެސް މިއަހަރު ރާއްޖެއަށް ބައިވެރިވެވިފައިވަނީ އެންމެ ދެ ގޭމްސްގައެވެ. އެއީ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސް އާއި ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއެވެ.