ޚަބަރު

ލޯކަލް ޓޫރިޒަމްގެ ގިނަ ފުރުސަތުތަކާއެކު ގުރައިދޫއަށް ބޭރުގެ އިންވެސްޓްމަންޓްތައް


ފަތުރުވެރިކަމުގައި ރާއްޖެ އެންމެ ފުރަތަމަ ޕްރޮމޯޓުކޮށްފައިވަނީ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓް ބޭނުންކޮށްގެންނެވެ. އެހެންނަނަމަވެސް ވޭތުވެދިޔަ ދިހަ ބާރަ އަހަރުތެރޭގައި ސަރުކާރުންވަނީ މިކޮންސެޕްޓް ބަދަލުކޮށް މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިކަން ފުޅާކޮށް އޭގެ ނަފާ ސީދާ ރައްޔިތުންނަށް ލިބޭނެ މަގުފަހިކުރުމުގެ މަސައްކަތް ފަށާފައެވެ. އޭގެ ފައިދާ ކުރަމުން އަންނަ އެއް ރަށަކީ ކ.ގުރައިދޫއެވެ.

ދެހާހަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ މާލެއަތޮޅު ގުރައިދޫއަކީ ފަތުރުވެރިކަމުގައި މިހާރުވެސް ފާހަގަކޮށްލެވޭ ރަށެކެވެ. އެރަށުން އެކަނިވެސް ރާއްޖޭގެ ފަތުރުވެރިކަމަށްވަނީ 300 އެނދު އޮޕަރޭޝަނަށް ނެރެފައެވެ. ގެސްޓް ހައުސް ޓޫރިޒަމްގެ ވިޔަފާރި ގުރައިދޫގައި ފުޅާވެފައިވާއިރު މީގެ ސަބަބުން އެރަށުގެ އިޤްތިޞާދަށް ރަނގަޅު ބަދަލުތަކެއް އަންނަމުންދާ ކަމަށް ގުރައިދޫ ކައުންސިލުން ފާހަގަކުރެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން ވިދާޅުވީ ލޯކަލް ޓޫރިޒަމްގައި އެރަށުގެ ކުރިމަގު އޮތީ އުޖާލާކޮށްކަމަށެވެ.


މީގެ ކުރިން ރަށުގައި ގެސްޓްހައުސްތައް ހެދުމަށް ރަށުގެ ޒުވާނުން އިސްނަގާފައިވާއިރު، އެރަށަށް މިހާރު ރަށުން ބޭރުން އިންވެސްޓްމަންޓްތައް އަންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މިވަގުތުވެސް ގެސްޓް ހައުސްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ކުރިއަށް އޮތް އަހަރެއް، ދެއަހަރެއްގެ ތެރޭގައި އެރަށުން ފަތުރުވެރިކަމަށް ނެރޭ އެނދުތަކުގެ ޢަދަދު 700 އިން މައްޗަށް ދާނެކަމަށެވެ.


ގުރައިދޫއަކީ ފަތުރުވެރިކަމުގައި ނަމޫނާ ރަށަކަށް ހެދުމަށް އެރަށު ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ލޯކަލް ޓޫރިޒަމްގައި އިތުރު ކޮންސެޕްޓްތައް ބޭނުންކުރުމުގެ ވިސްނުންވެސް ގުރައިދޫ ކައުންސިލުގެ އެބަހުއްޓެވެ. އެގޮތުން ސަރުކާރުން އެރަށުގައި ޢާއްމުން ހިތްހަމަޖައްސާލާ ޕިކްނިކް ދިޔުމަށް ގުރައިދޫ ފަޅުތެރެއިން ތަރައްޤީކޮށްދީފައިވާ ޕިކްނިކް އައިލެންޑްވެސް މިކަމުގައި ބޭނުންކުރުމާއި ގުޅޭގޮތުން އަންނަނީ މިހާރު މަޝްވަރާކުރަމުންނެވެ. އެގޮތުން ޢާއްމުންނަށް ދަތިނުވާނެހެން ވަކި އުސޫލެއްގެ ދަށުން ރަށަށް ޢާމްދަނީ ވަންނާނެ ފަދަ ގޮތަކަށް ހިންގުމަށް ކައުންސިލުން އަންނަނީ ރަށުގައި ހިންގާ ގެސްޓްހައުސްތަކާއެކު މަޝްވަރާކުރަމުންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ފުޅާކުރުމުގެ އެންމެ ބޮޑު އެއްބޭނުމަކީ ދުނިޔޭގައި ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމާއި، ކުރިއަރަމުން އަންނަ ކަލްޗަރަލް ޓޫރިޒަމް މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން ފަތުރުވެރިންނަށް ދައްކާލުމެވެ.