އަންނަ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ކަންތައްތައް އިންތިޒާމުކޮށް، ބެލެހެއްޓުމަށް 5 މެމްބަރުންގެ ކޮމިޓީއެއް އިންތިޚާބުކޮށްފިއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ބާއްވާ އިންތިހާބުގެ ކަންތައްތައް އިންތިޒާމްކޮށް، ބެލެހެއްޓުމަށް 5 މެމްބަރުންގެ ކޮމިޓީއެއް އެމްޑީޕީގެ ގައުމީ މަޖިލީހުން އިންތިޚާބު ކުރަންޖެހެއެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަމަހުގެ 28 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 18 ވަނަ ދުވަހު ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައިވާއިރު، އެ މުއްދަތު މިމަހުގެ 24 ވަނަ ދުވަހު ހަމަވިއިރު، ފޯމް ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ރިޔާސީ ޕްރައިމަރީގެ ކަންތައްތައް އިންތިޒާމުކުރުމަށް އިންތިޚާބު ކުރަންޖެހޭ 5 މެންބަރުންގެ ކޮމިޓީ އިންތިޚާބު ކުރީ ތާޖުއްދީން ސްކޫލްގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އިންތިހާބު ކޮމިޓީއަށް މެމްބަރުން އިންތިހާބުކުރުމުގެ ކަންކަން ދިޔައީ ހޫނު ބަހުސްތަކެއްގެ ތެރެއިންނެވެ. ގައުމީ މަޖިލީހުގެ ޖަލްސާގައި 5 މެމްބަރުން ހިމެނޭ އިންތިޚާބު ކޮމިޓީއަށް މެމްބަރުން އައްޔަންކުރަން ހުޅުވާލުމުން ގިނަ ހުށަހެޅުންތަކެއް ލިބިގެންދިޔައެވެ. އޭގެތެރޭގައި ދެ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ފަރާތްތަކުން ހުށަހެޅި ލިސްޓްތަކާއި ހުށަހެޅޭ ނަންތަކަށް ވަކިވަކިން ވޯޓަށް އެހުމަށް ހުށަހެޅި ހުށަހެޅުންތައްވެސް ހިމެނެއެވެ.
އިންތިހާބު ކޮމިޓީއަށް 5 މެމްބަރުންގެ ނަން ހުށަހެޅުއްވުމަށް ހުޅުވާލުމުން ރައީސް ނަޝީދަށް ތާއީދުކުރައްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ 3 ނަމެއް ހުށަހަޅާފައެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވަނީއަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ހުށަހެޅޭނީ 5 ނަންކަމަށް ވިދާޅުވެ، އިތުރު ނަންތައް ހުށަހެޅުމުގެ ފުރުސަތު އާޒިމްއަށް ދެއްވާފައެވެ. އެ ފުރުސަތު ދެއްވުމުން އާޒިމް ދެން ހުށަހެޅުއްވީ 2 ނަމަވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ވާދަވެރި އިންތިހާބެއް މިއޮތީ ކުރިއަށް. ދެ ކެންޑިޑޭޓުން ބޭނުންވާ 2 ނަން އަދި ދެ ބޭފުޅުން އެއްބަސްވާ 1 ނަމާއެކު ޖުމްލަ 5 ނަން. އެއީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. އެހެންވީމަ އަޅުގަނޑު ހުށަހަޅަން (އިންތިހާބު ކޮމިޓީއަށް) 2 ނަން" އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ މި ވާހަކަތަކާއި ގުޅިގެން ރިޔާސަތުން ވިދާޅުވީ އަސާސީ ގަވާއިދު އޮންނަ ގޮތުން ހުށަހަޅަންޖެހޭނީ 5 ނަންކަމަށާއި ވޯޓަށް އެހޭނީ 5 ނަން ހުށަހެޅުއްވުމުންކަމަށެވެ.
"މި ޕާޓީގެ ކޮމިޓީތައް ނަގާ އުސޫލަށް އަޅުގަނޑުމެން މިކަންވެސް ކުރިއަށް ގެންދާނީ. އިންތިހާބު ކޮމިޓީއަކީވެސް ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ ބޭނުންވާ މީހުން ތިބޭ ކޮމިޓީއެއް ނޫން. އެ އިތުބާރު (ޕާޓީއަށް) ތިބޭފުޅުން ބާއްވަންވާނެ. އިތުބާރު ނެތްކަމަށްވަންޏާ ވަރަށް ދެރަ. ދަންނަވަން އޮތީ 5 ނަމާއެކު ހުށަހަޅުއްވާށޭ" ފައްޔާޒު ވިދާޅުވިއެވެ.
ގައުމީ މަޖިލީހުގެ ޖަލްސާގައި ބަހުސް ހޫނުވުމުން ރިޔާސަތުން ވަނީ ދެ ކެންޑިޑޭޓުން ބޭނުންވާ 5 ނަމެއް ހުށަހެޅުމަށް މަޝްވަރާކުރުމަށްވެސް ފުރުސަތު ދެއްވާފައެވެ. ނަމަވެސް އެކަންވެސް ކާމިޔާބުވާ ގޮތެއް ވެފައެއް ނުވެއެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ހޫނު ބަހުސްތަކެއް ކުރުމަށްފަހު ރިޔާސަތުން ވަނީ ބައްދަލުވުމަަށް ހުށަހެޅިފައިވާ ހުރި ހުށަހެޅުންތަކަށް ވޯޓަށް އެހުމަށް ނިންމާފައެވެ. އެގޮތުން ގައުމީ މަޖިލީހުގެ އަގްލަބިއްޔަތުން ފާސްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުށަހެޅުއްވި، އަދި ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރ އަޙްމަދު އީސާ ތާއީދު ތާއީދުކުރެއްވި 5 މެމްބަރުންގެ ކޮމިޓީއެވެ.
1. އިބްރާޙީމް ވަޙީދު (ޗެއަރޕާސަންގެ ނައިބު އިދާރީ)
2. އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު (ސްޕޯކްސްޕާސަން)
3. އަކްރަމް ކަމާލުއްދީން (މަތިއުތުރު ޕްރޮވިންސްގެ ރައީސް)
4. މުޙައްމަދު އީމާން (ކެނދިކުޅުދޫ ދާއިރާގެ ރައީސް)
5. އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ އަފީފު ( ޤާނޫނީ ކޮމެޓީގެ ކުރީގެ މުޤައްރިރު)
ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 6 ވަނަ ބައްދަލުވުމުގައި ނިންމި ނިންމުންhttps://t.co/6m4Nnlmp4x
— MDP Secretariat (@MDPSecretariat) December 26, 2022
ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އިތުރު ހުށަހެޅުންތައް ހުށަހެޅުނަސް، އޭގެއިން އެއްވެސް ހުށަހެޅުމެއް ފާސްވެފައެއް ނުވެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ރިޔާސީ ޕްރައިމަރީގެ ކަންކަން ބަލަހައްޓާ ކޮމިޓީ އިންތިހާބުކޮށްފައިވާއިރު، އެމްޑީޕީން އާއްމުކޮށްފައިވާ ތާވަލުގައިވާ ގޮތުން ދެން އޮންނަނީ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރުމެވެ. އެއަށްފަހު ރިޔާސީ ޕްރައިމަރީގެ ވޯޓަރޒް ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނެއެވެ. އަދި ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓަރޒް ލިސްޓް އާންމު ކުރަނީ އަންނަމަހުއެވެ.