ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަމާނީ ޓެކްނޮލަޖީގެ އެހީގައި ރޭމްޕް އޮފިސަރުން ތަމްރީންކޮށްފި


ޒަމާނީ ޓެކްލޮނަލީޖީ ނުވަތަ ވީއާރު ސިސްޓަމްގެ އެހީގައި "ރޭމްޕް ވީއާރު ޓްރެއިންނިން" ގެ ނަމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްއިން ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މިފަދަ ޒަމާނީ ޓެކްލޮނަޖީގެ އެހީގައި ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމެވެ. ވީއާރު ސިސްޓަމްގެ އެހީގައި ކުރިއަށްގެންދިޔަ "ރޭމްޕް ވީއާރު ޓްރެއިންނިން" ގެ މަޤްޞަދަކީ އެއަރޕޯޓުގައި ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުންކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.

މިކަމާއި ގުޅޭގޮތުން އެމް.އޭ.ސީ.އެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެމް.އޭ.ސިއެލްގެ ރެގިއުލޭޓަރީ އެންޑް ޓެކްނިކަލް ޑިވެލޮޕްމަންޓް ޓިޕަރޓްމަންޓުގެ މެނޭޖަރ ޙާމިދު ޢަލީ ވިދާޅުވީ، މި ތަމްރީން ޕްރޮގްރާމުގައި ވީއާރު ސިސްޓަމް ބޭނުންކޮށްފައި ވަނީ ވީއާރު ޓްރެއިނިންގެ ސަބަބުން ރޭމްޕް އޮފިސަރުންނަށް އަވަހަށް އަދި ހަރުދަނާގޮތެއްގައި އުނގެނުމުގެ ފުރުޞަތު ލިބިގެންދާނެތީކަމަށެވެ.

"ވީއާރު ޓްރެއިނިންގައި އާންމުކޮށް އެއަރޕޯޓެއްގައި ހުންނަ ހުރިހާ ބައިތަކެއް އޭގައި އެކުލެވިގެންދާނެ. އެހެންވީމަ މިސާލަކަށް ހެޑްސެޓް ގިއާއަކާއި މޯޝަން ކޮންޓްރޯލަރއެއްގެ އެހީގައި އެ ޓްރެއިނިންނަށް އެކްސްޕޯޒްވެގެން މިދަނީ. އެހެންވީމަ އެގޮތަށް ޓްރެއިންވާއިރުގައި އެ އެކްސްޕޯޒްވެފައި ހުންނަ ޓްރެއިނީއަކަށް، ފެންނާނެ އެއަރޕޯޓްގައި ވަށައިގެން ހުރި އެއްޗެހި. ރޭމްޕް އޮފިސަރުންނަށް ވަރަށް އެކަށީގެންވާ ޓްރެއިނިންގއެއް މީ" ޙާމިދު ޢަލީ ވިދާޅުވިއެވެ.

އެމް.އޭސީއެލްއިން ވިދާޅުވީ، މިތަމްރީން ޕްރޮގްރާމް ފުރިހަމަކުރާ ހުރިހާ ރޭމްޕް އޮފިސަރުން އެއަރޕޯޓުގެ ޢަމަލީ މަސައްކަތުގައި ބައިވެރިވާނެކަމަށެވެ. އެގޮތުން، މި ތަމްރީން ޕްރޮގްރާމް މިހާރު 18 ރޭމްޕް އޮފިސަރުން ފުރިހަމަކޮށްފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މި ތަމްރީން ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަސްގެންގޮސްފައި ވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އެމް.އޭސީއެލް އަކީ މުވައްޒަފުންގެ ކުރިއެރުމަށް އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެއްކަމަށް އެމް.އޭ.ސީއެލްއިން ވިދާޅުވެއެވެ.