ޚަބަރު

އެއްބައިވަންތަކުރެވޭނީ ޚިދުމަތް ދިނުމުގައި ހަމަހަމަވެގެން: ރައީސް


ރާއްޖޭގައި އާންމުންގެ މެދުގައި ސުލްހަވެރިކަމާއި އެއްބައިވަންތަކަން ގާއިމްކުރެވޭނީ ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ތަފާތުކުރުން ނުގެންގުޅެ، ހަމަހަމަކަމާއިއެކު ޚިދުމަތްތައް ފޯރުކޮށްދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުރިމަތީގައި އޮތް އެންމެ އުނދަގޫ ކަމަކަށްވީ، ސިޔާސީ ކޯޅުންތަކުގެ ސަބަބުން އާންމުންގެ ތެރޭގައި އަމާންކަމާއި ސުލްހަވެރިކަން ގެއްލިފައިވުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެން ކުރައްވަން ޖެހިވަޑައިގެންނެވި އެންމެ ފުރަތަމަ ކަމަކީ، މުޖްތަމަޢުގައި
ޞުލްޙަވެރިކަން ޤާއިމުކުރުމާއި ދިވެހިން އެއްބައިވަންތަކޮށް، އެކުވެރިކަމާއެކު ހަމަޖެހިގެން ދިރިއުޅުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށެވެ. އެހެންވެ ވެރިކަމުގައި ހޭދަކުރެއްވި ކޮންމެ ދުވަހަކީވެސް އާންމުންގެ މެދުގައި އެއްބައިވަންތަކަން ގާއިމްކުރުމަށް މަސައްކަތްކުރެއްވި ދުވަހެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއި އެކު ޚިދުމަތް ދިނުމުގެ ސިޔާސަތަކީ އެ މަގްސަދުގައި ގެންގުޅުއްވާ ސިޔާސަތެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ފެށި ކޮންމެ މަޝްރޫޢެއްގެ އަމާޒަކީ، ވަކި ރަށެއް ތަފާތުނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެ ޚިދުމަތެއް ފޯރުކޮށްދިނުން. ބޯފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢު އަޅުގަނޑުމެން ފެށީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ޚިދުމަތް ޤާއިމުކޮށްދޭން. ލަފާފުރުމުގެ މައްސަލަ ޙައްލުކުރުމަށް ބަނދަރުތައް މިހަދަނީވެސް، މުޅި ރާއްޖެއަށް އަމާޒުކޮށްގެން. އަތޮޅުތަކުގައި ދަތުރުފަތުރުގެ ޚިދުމަތް ފުރިހަމަކުރަމުން މިއަންނަނީވެސް މުޅި ރާއްޖޭގައި އެ ޚިދުމަތް ދޭން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފައި ތިބޭތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސާފު ބޯފެނާއި، ރަނގަޅު ސިއްހީ ޚިދުމަތް ލިބުން ފަދަ ކަންކަމުން ރައްޔިތުން މަހުރޫމްވެފައިވާތާ އެތައް ދުވަހެއް ވެފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މިހާރު މަސައްކަތްކުރަމުން އަންނަނީ އެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ގާއިމްކޮށްދިނުމަށް ކަމަށެވެ.

ސުނާމީ ކާރިސާގައި އާންމުން ދެއްކި ހިތްވަރާއި، އެއްބައިވަންތަކަމުގެ ރޫހުގެ މައްޗަށް އަލުއަޅުއްވާލައްވާ ރައީސް ވިދާޅުވީ ސުނާމީއާ ގުޅިގެން ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި، ޙާލުގައި ޖެހުނު މީހުންގެ މެދުގައި ހިނގައި ދިޔަ ފަދަ ހަމަނުޖެހުންތަކެއް، އިރާދަކުރެއްވީތީ އަޅުގަނޑުމެންގެ ތެރެއަކު ނުހިނގާ ކަމަށެވެ. މީހުން ދިރިނުއުޅެވޭ ވަރަށް ބައެއް ރަށްރަށް ހަލާކުވެ ވަރަށް ގިނަ ރަށްރަށަށް ބޮޑެތި ގެއްލުންތައް ލިބުނުކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެހެން ނަމަވެސް، އެ ހިތާމަތައް ތަޙައްމަލުކުރުމުގަޔާއި އެ ދަތިތައް ފޫބެއްދުމަށް ކުރި މަސައްކަތުގައި، ގެއްލުން ލިބުނު ރަށްރަށާއި ގެއްލުން ނުލިބޭ ރަށްރަށާ ދެމެދު ތަފާތެއް ނެތް ކަމަށެވެ. އަދި އެހެން ގައުމުތަކުގައި ހިނގި ފަދަ ހަމަނުޖެހުންތައް ރާއްޖޭގައި ނުހިނގީ ޙާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެއްކި އެއްބައިވަންތަކަމުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.