ޚަބަރު

އަލަށް ގެންނަ ބޯޓުތައް ގަމާއި ކޫއްޑޫގެ ކަނެކްޝަންތަކުގަ ބޭނުންކުރާނެ: މޯލްޑިވިއަން


މޯލްޑިވިއަންއިން އަލަށް ގެންނަ އޭޓީއާރު ބޯޓުތައް އަންނަ ފެބްރުއަރީ މަހުން ފެށިގެން ގަމާއި ކޫއްޑޫގެ ކަނެކްޝަންތަކުގައި ބޭނުންކުރާނެ ކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ.

މޯލްޑިވިއަންއިން ގަމުން، ކޫއްޑޫއަށް ކަނެކްޝަން ފްލައިޓްތައް އަޅަން ނިންމާފައިވަނީ ފްލައިދުބާއީއިން އަންނަ އަހަރު ގަމަށް ދަތުރުތައް ފަށާތީއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފަރ ވިދާޅުވީ، އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަން އެކުންފުނިން ގެންނަ 3 ބޯޓުގެ ތެރެއިން ބޯޓެއް ގަމާއި ކޫއްޑޫގެ ކަނެއްކަޝަން ފްލައިޓްތަކުގައި ބޭނުންކުރެވޭނެކަމަށެވެ.

އެތެރޭގެ އުދުހުންތަކަށް މޯލްޑިވިއަންއިން ގެންނަނީ އޭޓީއާރު 72 މަރުކާގެ 2 ބޯޓާއި، އޭޓީއާރު 42 މަރުކާގެ 1 ބޯޓެވެ. އޭޓީއާރު 72 މަރުކާގެ ބޯޓަކީ 74 މީހުންގެ ޖާގައިގެ ބޯޓެކެވެ. އަދި އޭޓީއާރު 42 މަރުކާގެ ބޯޓުގެ ޖާގައަކީ 50 މީހުންކަމަށް މޯލްޑިވިއަނުން ބުންޏެވެ.

އަލަށް ގެންނަ މިބޯޓުތަކަކީ ތެޔޮ ޚަރަދު ކުޑަ އަދި މަރާމާތުގެ ޚަރަދުވެސް ކުޑަ ބޯޓުތަކެއްކަމަށް މޯލްޑިވިއަންއިން މަޢުލޫމާތުދެއެވެ. އަދި އޭޓީއާރު ބޯޓުގެ އިތުރުން އެކުންފުނިން އާންމު ގޮތެއްގައި ބޭނުންކުރާ ބޯޓުތަށްވެސް މިކަނެކްޝަން ފްލައިޓްތަކުގައި ބޭނުން ކުރެވޭނެކަމަށް ޖެނިފަރ ފާހަގަކުރެއްވިއެވެ.

ފްލައިދުބާއީގެ ސީދާ ދަތުރުތައް އައްޑޫއަށް ފެށުމަށް ތައްޔާރުވަމުން އަންނައިރު، ކަމާއިބެހޭ އިދާރާތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އައްޑޫއަށް ދަތުރުކުރާ ފަތުރުވެރިންނަށް ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަކޮށްދިނުމެވެ.

ގަމާއި ކޫއްޑޫއަށް ކަނެކްޝަން ފްލައިޓް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ފްލައި ދުބާއީއިން އައްޑޫއަށް އަންނަ ފަތުރުވެރިންނަށް އެތަނުގައި މަޑުކުރަން ނުޖެހި އަވަހަށް އެމީހުން ދާންބޭނުންވާ މަންޒިލަށް ދެވޭނެ މަގު ފަހިކޮށްދިނުންކަމަށް ޖެނިފަރ ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ގަމާއި ކޫއްޑޫގެ ކަނެކްޝަން ފްލައިޓްތަކަށް ބުކިން މިހާރު ވަނީ ހުޅުވާލާފައެވެ.