ޚަބަރު

އެމްއައިބީގެ އައު ހެޑް އޮފީސް ހުޅުމާލޭގައި ތަރައްޤީކުރަނީ


މޯލްޑިވްސް އިސްލާމިކް ބޭންކް، އެމް.އައި.ބީގެ އައު ހެޑް އޮފީސް ހުޅުމާލޭގައި ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމް.އައި.ބީއިން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އެމް.އައި.ބީގެ ހެޑް އޮފީހެއް ތަރައްޤީކުރުމަށް، ހުޅުމާލެއިން ބިން ކަނޑައަޅައި، އެކަމުގެ އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީއާއެކު ވަނީ ސޮއިކޮށްފައެވެ.


އެޗް.ޑީ.ސީން އެމް.އައި.ބީގެ އައު ހެޑް އޮފީސް ތަރައްޤީކުރުމަށް ދޫކޮށްފައި ވަނީ 7000 އަކަފޫޓޫގެ ބިމެކެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމް.އައި.ބީން ވިދާޅުވީ، މިއީ އެމް.އައި.ބީގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދިނުމަށް ތަރައްޤީކުރާ އިމާރާތެއްކަމަށެވެ. އަދި މިއާއެކު އެ ބޭންކުގެ ކަސްޓަމަރުންނަށް ބޮޑު ލުއެއް ލިބިގެންދާކަމަށް ޤަބޫލުކުރައްވާކަމަށް އެބޭންކުން ވިދާޅުވެއެވެ.

އެމް.އައި.ބީގެ އައު އޮފީސް އިމާރާތް ހުޅުމާލޭގައި އެޅުމަށް ނިންމާފައިވާއިރު، އެ ބޭންކުގެ އިތުރު ގޮތްޕެއް މިމަހުގެ 19 ވަނަ ދުވަހު ހުޅުމާލޭގައި ވަނީ ހުޅުވާފައެވެ. މިގޮފި ހުޅުވާފައި ވަނީ އޭ.ޓީ.އެމްގެ ޚިދުމަތްވެސް އެތަނުން ލިބޭ ގޮތަށެވެ. އަދި އެ ސެންޓަރުން 24 ގަޑިއިރު ޗެކާއި، ފައިސާ ޖަމާ ކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށްވެސް އެމް.އައި.ބީއިން މަޢުލޫމާތުދެއްވައެވެ.