ދުނިޔޭގެ ވިޔަފާރި

ޓެސްލާއިން ޗައިނާގެ ކާރުހާނާއެއްގެ މަސައްކަތް ހުއްޓާލަނީ


ޗައިނާގެ ޝަންހާއީގައި ހުންނަ ޓެސްލާގެ ކާރުހާނާގެ މަސައްކަތް ހުއްޓާލަން ނިންމައިފިއެވެ.

ހަބަރުތައް ބުނާގޮތުން ޝަންހާއީ ކާރުހާނާގެ މަސައްކަތް ހުއްޓާލަން ނިންމިއިރު، އެ ކާރުހާނާގެ މަސައްކަތް މި މަހުގެ ފަހު ހަފްތާގައި ހުއްޓާލަން ޓެސްލާއިން މީގެކުރިންވެސް ވަނީ ރާވާފައެވެ.

އެމެރިކާގެ އޮޓޯ އުފައްދާ ކުންފުނި، ޓެސްލާއިން ވަނީ ޝަންހާއީ ކާރުހާނާގެ ހެނދުނުގެ ޝިފްޓް ކެންސަލްކޮށް، އެ ކުންފުނީގެ އެންމެ އުފެއްދުންތެރި މެނުފެކްޗަރިން ހަބް ކަމަށްވާ ޝަންހާއީ ކާރުހާނާގެ ހުރިހާ މަސައްކަތްތެރިންނަށް ބްރޭކް ފެށޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އެ ކާރުހާނާގެ މަސައްކަތް ހުއްޓާލަން ނިންމާފައި ވަނީ ކޮން ސަބަބަކާއި ހުރެ ކަމެއް ޓެސްލާއިން ހާމައެއް ނުކުރެއެވެ.

ޝަންހާއީ ކާރުހާނާގެ މަސައްކަތް ހުއްޓާލަން ޓެސްލާއިން ނިންމާފައި މިވަނީ، މި މަހުގެ ކުރީކޮޅު ޗައިނާއިން ކޯވިޑު ޒީރޯގެ ސިޔާސަތަށް ލުއި ދީފައިވަނިކޮށް، އަނެއްކާވެސް ބަލިމަޑުކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ކޯޥިޑުގެ ބަލިމަޑުކަމުގެ ސަބަބުން އެ ކާރުހާނާގެ ބައެއް މުވައްޒަފުންވެސް ބަލިވެ އޮޕަރޭޝަންތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ރޮއިޓާސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

ޓެސްލާގެ އެންމެ މުހިންމު އުފެއްދުންތެރިކަމުގެ ހަބް ކަމަށްވާ ޝަންހާއީ ކާރުހާނާގެ އޮޕަރޭޝަންތައް އާންމު ގޮތެއްގައި ކުރިއަށް ގެންދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހު ހަފްތާގެ ތެރޭގައެވެ.