ޚަބަރު

އޮތެންޓިކް މޯލްޑިވްސްގެ ދިވެހި އުފެއްދުންތައް ޖަޕާނަށް


އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ޖަޕާނުގެ އެކްސްޓަރނަލް ޓްރޭޑް އޯގަނައިޒޭޝަން، ޖެޓްރޯއާއި ގުޅިގެން ވިއްކަން ފަށައިފިއެވެ.

ޖަޕާނުގައި ދިވެހިންގެ އުފެއްދުންތައް ވިއްކަނީ ޖަޕާނުގެ އެކްސްޓަރނަލް ޓްރޭޑް އޯގަނައިޒޭޝަން،، ޖެޓްރޯއިން ކުރިއަށްގެންދާ "ވަން ވިލެޖް ވަން ޕްރޮޑަކްޓް" ޕްރޮގްރާމްގެ ދަށުންނެވެ.

އޮތެންޓިކް މޯލްޑިވްސްއަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީ.ސީ.ސީ.އިން ދިވެހި ދިވެހި އުފެއްދުންތަކަށް މާރކެޓް ހޯދައިދިނުމަށް އެ ކުންފުނިން ހިންގާ ފިހާރައެކެވެ. މިފިހާރަތަކާއިއެކު މީގެކުރިން އުފެއްދުންތައް މާރކެޓް ނުކުރެވި ތިބި ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

އޮތެންޓިކް މޯލްޑިވްސްގެ 4 ފިހާރައެއް މިހާރުވެސް ރާއްޖޭގައި ހިނގަމުން އަންނައިރު، މިފިހާރަތައް ބޭރުގެ މާރކެޓްތަކަށް ތަޢާރަފްކުރުން ވެފައިވަނީ ބީ.ސީ.ސީގެ އަމާޒަކަށެވެ. އެގޮތުން، ޖަޕާނުގެ އެކްސްޓަރނަލް ޓްރޭޑް ކޯޕަރޭޝަން، ޖެޓްރޯއިން ކުރިއަށްގެންދާ "ވަން ވިލެޖް ވަން ޕްރޮޑަކްޓް" ޕްރޮގްރާމްގައި ބައިވެރިވެ، ދިވެހި އުފެއްދުންތައް ޖަޕާނުގައި ވިއްކުމުގެ މަސައްކަތް މިހާރު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީ.ސީ.ސީން ވަނީ ފަށައިފައެވެ.

"ވަން ވިލެޖް ވަން ޕްރޮޑަކްޓް" އަކީ ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ވިޔަފާރި ޖަޕާނުގެ މާކެޓްތައް ތަޢާރަފްކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން، ޖަޕާނުގެ އެއަރޕޯޓުގައި ހުންނަ އައުޓްލެޓްތަކުގައި ވިޔަފާރީގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިވެގެންދެއެވެ. އެގޮތުން، ޖަޕާނުގެ ނަރީޓާ އެއަރޕޯޓުންނާއި ކަންސައި، އެއަރޕޯޓުގައި ދިވެހި އުފެއްދުންތައް މިހާރު ވިއްކަމުންދާކަމަށް ބީ.ސީ.ސީން ވިދާޅުވެއެވެ.

ބީ.ސީ.ސީން ވިދާޅުވީ ޖަޕާނުގެ މި ދެ އެއަރޕޯޓުގެ އިތުރުން ޖެޓްރޯއިން އިންތިޒާމްކޮށްގެން ސޭލްސް އިވެންޓްތަކުގައިވެސް އޮތެންތިކް މޯލްޑިވްސްގެ އުފެއްދުންތައް މާރކެޓް ކުރެވިގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޖަޕާނުގައި މާރކެޓްކޮށްފައިވާ ދިވެހި އުފެއްދުންތަކުގެ އަދަދު އިތުރުކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް އެކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

ވަން ވިލެޖް ވަން ޕްރޮޑަކްޓް މާރކެޓްކުރުމުގެ ގޮތުން، ޖަޕާނުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައިވާ ސަފީރު، ހަސަން ސާބިރުއާއި ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓި އެމްބެސެޑަރ މުޙައްމަދު އަމީތު ވަނީ ބައިވެރިވަޑައިގަންނަވާފައެވެ.

އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ދުނިޔޭގެ އެކިކަންކޮޅުތަކުގައި މާރކެޓްކުރުމަށް ބީ.ސީ.ސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، 6 މަސްދުވަހަށް ދުބާއީގައި ކުރިއަށްދިޔަ ވޯލްޑް އެކްސްޕޯގައި އޮތެންޓިކް މޯލްޑިވްސްގެ އައުޓްލެޓެއް ވަނީ ބަހައްޓާފައިއެވެ.

އޮތެންޓިކް މޯލްޑިވްސްއިން މިހާރު އަންނަނީ 4 ފިރާހައެއް ހިންގަމުންނެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީ ފްރީގައި ހުންނަ ފިހާރައާއި، ހުޅުމާލޭ ސެންޓްރޯ މޯލްއާއި މާލެއާއި ކުޑަވިނލިގިލީގެ އިތުރުން ދާދި ފަހުން ބީ.ސީ.ސީން ކްރޮސްރޯޑްގައި ހުޅުވި ފިހާރައެވެ.

ބީ.ސީ.ސީ އަކީ ރާއްޖޭގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ކޮންސަލްޓެންސީ ދިނުމާއި އެހީތެރިވެ ދިނުމުގެ މަސައްކަތް ހިލޭ ފޯރުކޮށްދެމުންނެވެ.