ޚަބަރު

ހުޅުމާލޭގެ ޓޫރިޒަމް ޑިސްޓްރިކްޓް- އުންމީދީ މަޝްރޫއެއް


ރާއްޖޭގައި ދުއްވާ ސަފާރީގެ ބޮޑު އިންސައްތައެއް ބަނދަރުކުރަނީ ހުޅުމާލޭގައެވެ. އެހެންނަމަވެސް އެ ސަފާރީތަކަށް ލިބެންޖެހޭ އެންމެ ފުރިހަމަ ޚިދުމަތްތައް ހުޅުމާލެއިން މިހާރު ލިބެން ހުންނަކަން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ފާހަގަކުރެއެވެ. ދެވަނަ ފިޔަވަހީގެ ތަރައްޤީގެ ޕްލޭން ސަރުކާރުން އެކުލަވާލައްވާފައިވަނީ މިކަމަށް ވަރަށް ފުރިހަމަ ޙައްލެއް ލިބޭނެގޮތަކަށެވެ.ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހުޅަނގުފަރާތުގައި އެއްފަހަރާ 300 ޔޮޓް ބަނދަރުކުރެވޭނެ ޔޮޓްމެރީނާއަކާއި އެއްފަހަރާ 720 ފޫޓުގެ ދެ ޕެސެންޖަރު ލައިން ބަނދަރުކުރެވޭނެ ކްރޫޒް ޓާރމިނަލެއް ހެއްދެވުމަށް ވަނީ ޕްލޭން ކުރައްވާފައެވެ. އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު އެޗްޑީސީން ދަނީ ކުރަމުންނެވެ.އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސައިމަން ވިދާޅުވީ ޔޮޓްމެރީނާއާ ޖެހިގެން ހަދާ ކްރޫޒް ޓާރމިނަލް ތަރައްޤީކުރެވޭނީ އޮޓޮމެޓިކް ބޯޑިން ބްރިޖް ހިމެނޭގޮތަށް އެފަދަ ތަނަކަށް ބޭނުންވާނެ ރަނގަޅު ފެންވަރުގެ ޚިދުމަތްތަކާއެކު ޒަމާނީ ފެންވަރަށް ކަމަށެވެ. އަދި އެ ކްރޫޒް ޓާރމިނަލުން އެއްފަހަރާ 6،000 މީހުންނަށް ޚިދުމަތް ދެވޭނެ ކަމަށް ސައިމަން ވިދަޅުވިއެވެ.ދެވަނަ ފިޔަވީގެ ތަރައްޤީގެ އެންމެ ބޮޑު އެއްބަޔަކީ އެތަނުގައި ހަދާ ޓޫރިޒަމް ޑިސްޓްރިކްޓެވެ. މި ޓޫރިޒަމް ޑިސްޓްރިކްޓްގައި 100 އާއި 500 ދެމެދު ކޮޓަރި ހިމެނޭ ގޮތަށް ހަތްބުރިއާއި ދިހަ ބުރީގެ ހަ ހޮޓަލެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިކަމަށް ދިހަހާހާއި ތިރީސްހާސް އަކަފޫޓްގެ ބިންތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ އިތުރުން އެތަނުގައި މަތީ ފެންވަރުގެ ސާވިސްޑް އެޕާޓްމަންޓް ހެދުމަށް 74 ބިން ދޫކުރަން ނިންމަވާފައިވާކަންވެސް ސައިމަން ފާހަގަކުރެއްވިއެވެ. އެތަންތަނުގައި ފަސްބުރިއާއި ސާދަ ބުރީގެ ޢިމާރާތްތައް އެޅުމަށް ވަނީ ނިންމާފައެވެ. އެތަނުގައި ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށް ގާތްގަނޑަކަށް 3،600 ކޮޓަރި ހުންނާނެ ކަމަށް ސައިމަން ވިދާޅުވިއެވެ.ދެވަނަ ފިޔަވަހިން އުސް ޢިމާރާތްތައް ފެނިގެންދާއިރު، އެތަންތަން ތަރައްގީ ކުރެއްވުމުގައި ބޮޑަށް ބައްލަވަނީ، ވިޔަފާރީގެ ޙަރަކާތްތައް ވީހާވެސް ބާރުމިނުގައި ކުރިއަށް ގެންދެވޭނެ މަގުފަހިކުރުމަށް ކަމަށް ސައިމަން ވިދާޅުވިއެވެ.މީގެ އިތުރުންވެސް ޓޫރިޒަމް ޑިސްޓްރިކްޓްގައި ހޮޓަލާއި ވިޔަފާރި އެޕާޓްމަންޓްތަކާއި ފިހާރަތަކާއި ފައިން ޑައިނިން ރެސްޓޯރަންޓްތަކާއި ސްޕާތައްވެސް ހުންނާނެއެވެ. އެސަރުކާރުން ވަނީ ޓޫރިޒަމް ޑިސްޓްރިކްޓާ ގުޅުވައިގެން ކުރީގެ ފަރުކޮޅުފުށި ސަރަޙައްދު ޓޫރިސްޓުންނަށް އަމާޒްކުރައްވައިގެން ހެރިޓޭޖް އައިލެންޑްގެ ގޮތުގައި ތަރައްޤީކުރައްވަން ވެސް ނިންމަވާފައެވެ.އުންމީދީ ސިޓީގެ ގޮތުގައި ހުޅުމާލެ ތަރައްޤީކުރައްވާއިރު، މުސްތަޤްބަލުގައި އެތަން ވެގެންދާނީ، ހުރިހާ ޚިދުމަތްތަކެއް ލިބެން ހުންނަ، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ތަނެއްގެ ގޮތުގައެވެ.