ޚަބަރު

ކުރިއަށް އޮތް 50 އަހަރުވެސް ކަރަންޓްގެ މާބޮޑު މައްސަލައެއް ދިމާނުވާނެ: ރައީސް


ރާއްޖޭގެ ރަށްތަކުގެ ކަރަންޓުގެ ޚިދުމަތަށް ގެންނަމުންދާ ބަދަލުތަކުން ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި ވެސް ކަރަންޓުގެ މާ ބޮޑު މައްސަލައެއް ކުރިމަތިނުވާ ވަރަށް ކަންކަން ކުރިޔަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގއ މާމެންދޫގައި އިމާރާތްކުރި އައު އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ ތަރައްގީގައި ކުރިއާ އަޅާބަލާއިރު މިހާރު އޮތް ހާލަތު ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މީގެ 14 އަހަރު ކުރިން ރާއްޖެއަކީ މިޑްލް އިންކަމް ގައުމެއްގެ ގޮތުގައި ކަނޑައެޅި އާމްދަނީ ބޮޑުވެގެން ދިޔަ ނަމަވެސް އެއްވެސް ވެރިކަމެއްގައި އެއްވެސް ސަރުކާރަކުން ވިސްނާފައި ނެތީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާމެދު ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުވެސް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްނުވެ، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްނުދެވޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ހަފްތާ ތެރޭގައިވެސް އެންމެ ފުރަތަމަ ރައްޔިތުންގެ ފަރާތުން ލިބުނު އެއް ޝަކުވާއަކީ ކަރަަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ޝަކުވާކަމަށާއި އެހިސާބުން އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކަށް ހެއްދެވީ މި ވެރިކަމުގެ 5 އަހަރުގެ ދައުރު ހަމަވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާގޮތަށް ކަރަންޓުގެ ޚިދުމަތް ޤާއިމްކުރުން ކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު ރާއްޖޭގެ ރަށްތަކުގެ ކަރަންޓުގެ ޚިދުމަތަށް ގެންނަމުންދާ ބަދަލުތަކުން ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި ވެސް ކަރަންޓުގެ މާ ބޮޑު މައްސަލައެއް ކުރިމަތިނުވާ ވަރަށް ކަންކަން ކުރިޔަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާވަނީ މާމެންދޫ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެތެރެއިން މާމެންދޫގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބައެއް ކަންކަން އިޢުލާނުކުރައްވާފައެވެ.

ރައީސް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އެންމެ މުހިންމު އަދި ބޮޑު ކަމަކަށް އޮތީ އެރަށުގެ ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމެވެ. ގއ.މާމެންދޫގެ އުތުރު ފަރާތުގެ ރަށް ގިރުމުގެ މައްސަލަ ބޮޑުވެފައިވާއިރު މިއީ މުޅި އެސަރަހައްދުގެ ރައްޔިތުންވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެކެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ އަންނަ އަހަރު ބަޖެޓުކޮށްގެން އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ދެންނެވިގޮތަށް ފުލުހުންގެ ޢަދަދު އިތުރުކޮށްދެއްވާނެކަމަށާއި، ސްޕޯޓްސް ފިޝިންގއަށް ބޭނުންވާ ކަނދުފަތި ލަސްތަކެއްނުވެ އަޅާދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުންވެސް މާމެންދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީއާއެކު މަޝްވަރާކުރައްވާނެ ކަމަށާއި، ވޮލީ ކޯޓު ކައުންސިލުން ދެންނެވި ފަދައިން ރަނގަޅުކޮށްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.