ކުޅިވަރު

އީގަލްސްގެ ވައިސްޗެއަރމަންކަމަށް ޓޮމް ހަމަޖައްސަވައިފި


 މަހިބަދޫގެ ސްޕޯރޓްސް ކްލަބްގެ އެއް މުއައްޞިޞް އަދި
ނިއުރޭޑިއަންޓާއި ގާތް ގުޅުމެއް އޮންނަ އެކްލަބްގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު
ތާރިޤް ކްލަބް އީގަލްސްގެ ވައިސްޗެއަރމަނަކަށް ހަމަޖައްސައިފިއެވެ. 

ޤައުމީ ޓީމްގެ
ކުރީގެ ފޯވާޑް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު
އަހުމަދު ތާރިޤް، ޓޮމް އީގަލްސްގެ ވައިސްޗެއަމަނަކަށް ހަމަޖެއްސިއިރު، ކްލަބްގެ
ޗެއަމަންކަމަށް ހަމަޖެއްސެވީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު
އަހުމަދު ޝިޔާމްއެވެ.



އީގަލްސް ހިންގެވުމުގައި މިދިޔަ ދުވަސްތަކުގައި މުޙިންމު
ދައުރެއް އަދާކުރެއްވި ޖެނެރަލްސެކެޓްރީ މުފާވިޒް ހާޝިމް ވިދާޅުވީ އަހުމަދު ޝިޔާމް
ޗެއަރމަންކަމަށް ހަމަޖެއްސަވައި، ވައިސްޗެއަރމަންކަމަށް އަހުމަދު ތާރިޤް
ހަމަޖެއްސެވީ ރޭ ބޭއްވި އެކްލަބްގެ ކުއްލި ބޯޑް މީޓިންގއެއްގައި ބައިވެރިވި
މެމްބަރުންގެ އިއްތިފާޤުންކަމަށެވެ. އެކްލަބްގެ ޗެއަރމަންކަން އެންމެފަހުން ކުރެއްވީ
ހިޔަލީ މުޙައްމަދު ރަޝީދުއެވެ.



ޗެއަރމަންކަމަށް އަހުމަދު ޝިޔާމް ހަމަޖެއްސެވީ އޭނާއަކީ
ފުޓްބޯޅައަށް ލޯބިކުރައްވާ، އަދި އީގަލްސްގެ ކުރިމަގު ހަރުދަނާކުރެއްވުމުގެ
ޤާބިލްކަން ހުންނެވި ބޭފުޅަކަށްވާތީކަމަށް މުފާވިޒް ވިދާޅުވިއެވެ. ތާރިޤް
ވައިސްޗެއަރމަންކަމަށް ހަމަޖެއްސެވީ އޭނާއަކީ ފުޓްބޯޅައިގެ ކަންކަން ރަނގަޅަށް
އެނގިލައްވާ، އީގަލްސްފަދަ ޒުވާން ޓީމެއް ގޮވައިގެން ކުރިއަށް ދިއުމަށް ނަމޫނާ
ފަރާތަކަށް ވާތީކަމަށް މުފާވިޒް ވިދާޅުވިއެވެ. އަދި ތާރިޤްއަކީ އަބަދުވެސް
އީގަލްސްއާއި ގާތް ގުޅުމެއް ބާއްވާ، އެންމެ ފުރަތަމަ އެކްލަބަށް ކުޅުނު
ކުޅުންތެރިއެއްކަން މުފާވިޒް ފާހަގަކުރެއްވިއެވެ.



އަހުމަދު ތާރިޤް އީގަލްސް ހިންގެވުމުގެ ޒިންމާއާއި
ހަވާލުވެލެއްވިއިރު، ކުރިއަށްއޮތް އެފްއޭއެމްގެ އިންތިޚާބުގައި އޭނާ
ވާދަކުރައްވާނެކަމުގެ އަޑުތަކެއްވެސް ވަނީ ފެންމަތިވެފައެވެ. އޭނާއަކީ
ނިއުރޭޑިއަންޓުން ފާހަގަވެގެންދިޔަ އެކްލަބް ހިންގެވުމުގައިވެސް މުޙިންމު ދައުރެއް
އަދާކުރައްވައި، އެކްލަބާއި އަބަދުވެސް ގާތްގުޅުމެއް ބާއްވަމުން އައި ބޭފުޅެކެވެ.



ސާފް ޗެމްޕިއަންޝިޕް ތަށި ހޯދި ޓީމްގައި ތާރިޤް މުޙިންމު
ދައުރެއް އަދާކުރިއެވެ.