ޚަބަރު

އެމްއައިބީގެ ފައިސާނެޓް އަޕްގްރޭޑްކޮށް އިތުރު ޚިދުމަތްތަކެއް


މޯލްޑިވް އިސްލާމިކް ބޭންކް، އެމް.އައި.ބީގެ ފައިސާ ނެޓްއަށް އިތުރު ޙިދުމަތްތައް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެއްޖެއެވެ.

ފައިސާނެޓަކީ އެމް.އައި.ބީގެ ހުރިހާ ޚިދުމަތެއް އެއް ޕްލެޓްފޯމެއް ލިބޭ އިންޓަރނެޓްގެ ބޭންކިންގ ޚިދުމަތެވެ. މިޕްލެޓްފޯމް ތައާރަފްކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އެމް.އައި.ބީގެ ޕްރޮޑަކްޓް މެނޭޖަރ އީވާ އަމިލް ވިދާޅުވީ، ފައިސާ ނެޓްގެ ޙިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަޤްޞަދަކީ، އެބޭންކުން ފޯރުކޮށްދޭ ޚިދުމަތްތައް ޒާމާނާއި އެއް ފެންވަރަށް ފޯރުކޮށްދިނުމެވެ.

"އެމް.އައި.ބީގެ ޓާގެޓަކަށް ވަނީ ކަސްޓަމަރސް ބޭންކަށް ވަޑާއިގަންނަވަން ޖެހެނީ ހަމައެކަނި އެކައުންޓެއް ހުޅުވަން. އޭގެ ފަހުން ހުރިހާ ޚިދުމަތައްތައްވެސް އޮންލައިން ޕްލެޓްފޯމެއް ޒަރިއްޔާއިން ކުރެވުން" އެމް.އައި.ބީގެ ޕްރޮޑަކްޓް މެނޭޖަރ އީވާ އަމިލް ވިދާޅުވިއެވެ.

އެމް.އައި.ބީގެ ފައިސާ ނެޓަށް އަލަށް ތަޢާރަފްކުރާ ޚިދުމަތަތަކުގެ ތެރޭގައި ބަލްކް ޓްރާންސްފަރ ގެ ޚިދުމަތް ހިމެނެއެވެ. މިޚިދުމަތަކީ ބަލްކްކޮށް ނުވަތަ އެއްފަހަރާ ގިނަ އަދަދެއްގެ ފައިސާ އެހެން ފަރާތަކަށް ފޮނުވޭނެގޮތް މަގިފަހުވެގެންދާނެ ޚިދުމަތެކެވެ.

މީގެއިތުރުން، ލިމިޓް ހަމަވެގެން ފައިސާ ޓްރާންސްފަރ ކުރަންޖެހިއްޖެ ހާލަތެއްގައި، ލިޔެކިޔުންތައް ފޮނުވައިގެން ފައިސާ ޓްރާންސްފަރ ކުރެވޭގޮތްވެސް ފައިސާ ނެޓްއަށް އަލަށް ތަޢާރަފްކުރާ ޙިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ނައިޓް މޯޑް އާއި ޑާކްމޯޑްގެ އިތުރުން ފައިސާ ނެޓްގެ ހޯމްޕޭޖް ބޭނުންގޮތަށް ކަސްޓަމައިޒް ކުރެވޭގޮތްވެސް ތަޢާރަފްކުރެވިގެންދާނެކަމަށް އީވާ ވިދާޅުވިއެވެ.

އީވާ އަމިލް ވިދާޅުވީ، ފައިސާ ނެޓްއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރުކުރާއިރު، އެހުރިހާ ޚިދުމަތަކަކީވެސް ރައްކާތެރިކަމާއިއެކު ކުރެވޭނެ ޚިދުމަތްތަކެއްކަން އެބޭންކުން ކަށަވަރު ކުރާނެކަމަށެވެ. އަދި މިޚިދުމަތްތައް މިމަސް ނިމުމުގެ ކުރިން ތަޢާރަފްކުރެވިގެން ދާނެކަމަށްވެސް އާމިލް ވިދާޅުވިއެވެ.

އެމްއައިބީގެ އަމާޒު، ޚިދުމަތްތައް އިތުރަށް ފުޅާކުރުން

ރާއްޖޭގައި ފުރަތަމަ އިސްލާމިކް ބޭންކްގެ ޚިދުމަތް ފޯރުކޮށްދޭން ފެށި އެމް.އައި.ބީއިން އެ ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އެގޮތުން، މިދިޔަ އަންގާރަ ދުވަހު އެމް.އައި.ބީއިން ވަނީ ހުޅުމާލޭ ފިތުރުމަގުގެ ވަންއެވެނިއުގައި އެ ބޭންކުގެ އިތުރު ގޮތްޕެއް ހުޅުވާފައެވެ. މިގޮފި ރަސްމީކޮށް ހުޅުވައިދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭގެ ގަވަރުނަރު އަލީ ހާޝިމްއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފްއެވެ.

އެމް.އައި.ބީއިން މަޢުލޫމާތުދޭ ގޮތުގައި، މިގޮފި ހުޅުވާފައި ވަނީ އޭޓީއެމްގެ ޚިދުމަތްވެސް އެތަނުން ލިބޭ ގޮތަށެވެ. އަދި އެ ސެންޓަރުން 24 ގަޑިއިރު ޗެކާއި، ފައިސާ ޖަމާ ކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށްވެސް އެމް.އައި.ބީއިން މަޢުލޫމާތުދެއްވައެވެ.

މީގެއިތުރުން، ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ފައިސާ ރައްކާކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން "ޙައްޖު ސޭވިންގްސް އެކައުންޓް" އެމް.އައި.ބީއިން ވަނީ ތަޢާރަފުކޮށްފައެވެ. މީގެ އިތުރުން ތަފާތު ޕްރިމިއަމް ޚިދުމަތްތަކާއެކު އެމް.އައި.ބީގެ ޕްލެޓިނަމް ވިސާ ކާޑުވެސް އެ ބޭންކުން ވަނީ ތަޢާރަފުކޮށްފައެވެ.