ޚަބަރު

ދެކުނު ކޮރެއާއިން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކޮށްފި


އަންނަ އަހަރަށް ލަފާކުރާ ދެކުނު ކޮރެއާގެ ބަޖެޓް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށް ވުރެ %6 މަދު 638.7 ޓްރިލިއަން ވޮން ނުވަތަ 498.89 ބިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެކެވެ. ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓު، ޖީޑީޕީގެ ފިޒިކަލް ޑެފިސިޓް %0.6 އަށް ކުޑަކުރުމަށް މި ބަޖެޓުގައި ވަނީ އަމާޒު ހިފާފައެވެ.

ޖުމްލަ ބަޖެޓުގެ %35.4 އާންމު ޞިއްޙަތާއި ވެލްފެއަރ އަދި ވަޒީފާގެ ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާއިރު، ތަޢުލީމީ ދާއިރާއަށް ކަނޑައަޅާފައި ވަނީ %15.1 އެވެ. އަދި ޤައުމީ ދިފާއީ ޚަރަދަށް %8.9 އަށް ކަނޑައަޅާފައިވާ ކަމަށް ދެކުނު ކޮރެއާއިގެ މާލީ ވުޒާރާއިން ބުނެއެވެ.

މިއީ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔޯލްގެ ވެރިކަމުގެ ފުރިހަމަ އަހަރުގެ ފުރަތަމަ ބަޖެޓަށްވާއިރު، މިއަހަރު ވެރިކަމާއި ހަވާލުވި ޔޫން ވަނީ ވެލްފެއަރ ޕްރޮގްރާމްތައް ފުޅާކޮށް، ކޯވިޑުގެ ބަލިމަޑުކަމާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ފާއިތުވެ އަހަރުތަކުގައި އިތުރުވެފައިވާތީ، ބަލިކަށިވެފައިވާ ސަރުކާރުގެ މާލިއްޔަތު ހަރުދަނާ ކުރުމަށް ވައުދުވެވަޑައިގެންފައެވެ.

ދެކުނު ކޮރެއާގެ ދުވަސްވީ މީހުންގެ އާބާދީ އާއި އެއްވަރަށް ވެލްފެއަރ ސިސްޓަމް ފުޅާކޮށްފައިވާތީ، އެ ޤައުމުގެ ސަރުކާރުގެ ދަރަނީގެ ޖީޑީޕީ ރޭޝިއޯ މިއަހަރު ވަނީ %49.7 އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މި ރޭޝިއޯ 2019 ވަނަ އަހަރު %40 އަށްވުރެ ދަށްވެ، 2010 ވަނަ އަހަރު ވަނީ %30 އަށް ވުރެ ދަށްވެފައެވެ.

ކޮންމެ ޓެކްސް ބްރެކެޓަކަށް ކޯޕަރޭޓް އިންކަމް ޓެކްސް %1 ޕޮއިންޓް ކުޑަކުރުމަށް ހުށަހަޅާފައިވާ ޕްލޭނެއްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.