ކުޅިވަރު

ޤައުމީ ރެކޯޑް މުގުރާލާ، ސާއިދު ސެމީއަށް ދަތުރުކޮށްފި


ފަސްދޮޅަސް މީޓަރުގެ ޤައުމީ ރެކޯޑް މުގުރާލައި، އޭޝިއަން ޗެންޕިއަންޝިފްގެ ފަސްދޮޅަސް މީޓަރު ދުވުމުގެ ސެމީ ފައިނަލަށް ހަސަން ސާޢިދު ދަތުރުކޮށްފިއެވެ. ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ސެމީއަށް ދަތުރުކުރީ ބޮޑު ތަފާތަކުން ރެކޯޑް މުގުރާލައިގެންނެވެ. ސާއިދު ރޭސް ނިންމާފައިވަނީ 6.81 ސިކުންތުންނެވެ. ކުރިން މިރިކޯޑް ހަދާފައިވާ އިސްމާއިލް ޝަނީމް ރޭސް ނިންމާފައި ވަނީ 7.27 ސިކުންތުންނެވެ. އެހެންކަމުން ސާއިދު ރެކޯޑް މުުގުރާލާފައިވަނީ 0.64 ސިކުންތުން ކުރި ހޯދައިގެންނެވެ. ސާއިދު ސެމީއަށް ދަތުރުކޮށްފައިވަނީ އޭނާ ދުވި ހީޓްގެ ތިންވަނަ ހޯދައިގެންނެވެ.ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ މުބާރާތުގެ 60 މީޓަރު ދުވުމުގެ ސެމީގައިވެސް ދެ ހީޓް އޮންނާނެއެވެ. ހީޓްގައި ދުވުމަށްފަހު ފައިނަލަށް ނުގޮސް ސެމީއަށް ދުވުންތެރިން ދަތުރުކުރަނީ އިވެންޓްގައި ބައިވެރިވާ އެތްލީޓުން ގިނަ ވުމުންނެވެ. 7 ޤައުމު ނުވަތަ އަށް ގައުމް ވާދަކުރާ މުބާރާތްތަކުގައި ސެމީ ފައިނަލެއް ނުބާއްވާނެކަމަށާއި، ނަމަވެސް މިމުބާރާތުގައި ސެމީއަށް ދުވުންތެރިން ދަތުރުކުރަނީ ދުވުންތެރިންގެ އަދަދު ގިނަވުމުންކަމަށް އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠޮލާލް ވިދާޅުވިއެވެ. މިއިވެންޓްގެ ފައިނަލަށް ދަތުރުކުރާނީ ސެމީ ފައިނަލްގެ ދެ ހީޓްގެ ތެރެއިން އެންމެ ގަދަ 7 ނުވަތަ 8 ދުވުންތެރިންނެވެ. އެއީ ކޮންމެ ހީޓެއްގެ 1 ވަނަ 2 ވަނަ އަދި 3 ވަނަ އެތްލީޓާއި، ދެން ވާދަކުރާ އެތްލީޓުންގެ ތެރެއިން ދެ ހީޓް އެއްކޮށް އެންމެ އަވަހަށް ރޭސް ނިންމާ ދެ އެތްލީޓުންނެވެ. ސެމީ ފައިނަލްގެ ހީޓްތައް ފަށާނީ ރާއްޖޭގަޑިން މިރޭ އަށްގަޑި ބައިގައެވެ.މި އިވެންޓުގެ ފުރަތަމަ ހީޓުގައި ރާއްޖޭގެ ޒުވާން ދުވުންތެރިޔާ ސަރީސް އަޙުމަދު ވާދަކުރި ނަމަވެސް އޭނާ އަށް ސެމީފައިނަލުން ޖާގައެއް ނުލިބުނެވެ. އޭނާ ރޭސް ނިންމީ ހީޓްގެ 7 ވަނައަށެވެ. މި އިވެންޓުގެ އަންހެނުންގެ ދުވުމުގައި އައިޝަތު ޒާރާ އާތިފް ވެސް ވާދަކުރިއެވެ. އޭނާ 8.63 ސިކުންތުން ރޭސް ނިންމިނަމަވެސް، ދިޔައީ ހީޓުގެ 5 ވަނައަށެވެ. އެހެންކަމުން އޭނާ އަށް ވެސް ސެމީން ފުރުސަތެއް ނުލިބެއެވެ.