މުޅި ދުނިޔޭގެ އިޤްތިޞާދު ބޮޑު އަނދަވަޅަކަށް ވެއްޓިފައިވީ އޮތް ޙާލަތުގައިވެސް، ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ހިނގަމުންދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުންކަމަށް މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ގއ.ދާންދޫގައި ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވީ މިއަދު ނިމުން ފާހަގަކުރަމުންދާ ގިނަ މަޝްރޫޢުތަކަކީ ވަރަށް ދަތި ދުވަސްވަރެއްގައި ފަށައިގެން، ހިނގަމުންދިޔަ މަޝްރޫޢުތަކެއްކަމަށެވެ. ރާއްޖެއަކީ ފަތުރުވެރިކަން ވިއްކައިގެން ޢާމްދަނީ ހޯދަމުންދިޔަ ޤައުމަކަށްވާއިރު ޢާމްދަނީ ލިބޭނެ މަގު ބަންދުވެ، ރާއްޖެއަށް ތަކެތި އެތެރެކުރަމުންދިޔަ ޤައުމުތައްވެސް ބަންދުކުރަން މަޖުބޫރުވުމުން އޭގެ އަސަރު މަޝްރޫޢުތައް ހިންގުމުގައި ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް މަސައްކަތް އެއްކޮށް ހުއްޓާނުލާ ކުރިޔަށްގެންދިޔުމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުކަމަށް ފޮރިންގ މިނިސްޓަރ ވިދާޅުވިއެވެ. މިފަދައިން ފެށި އެއް މަޝްރޫޢަކީ ދާންދޫގެ ބިން ހިއްކުމުގެ މަސައްކަތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"މިރަށުގައި މަސައްކަތް ޢަމަލީގޮތުންފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު، މިއަދު އަޅުގަނޑުމެން ބޮކި ދިއްލައިގެން މިތިބީ އެފަސްގަނޑުމަތީގައި. ބިންހިއްކުމާއެކު 12 ޕްރޮޖެކްޓްގެ މަސައްކަތް މިރަށުގައި ކުރަމުންދާއިރު، ހަނދާންކުރަން އެބަޖެހޭ، މިމަސައްކަތް ކުރީ ކޮންފަދަ ޙާލަތެއްގައި ރާއްޖެއާއި ދުނިޔެ އޮތް ދުވަސްވަރެއްގައިކަންވެސް" މިނިސްޓަރ ވިދާޅުވިއެވެ.
ފޮރިންގ މިނިސްޓަރ ވިދާޅުވީ އެތައް މިލިއަން ރުފިޔާއެއް ހޭދަކުރައްވައިގެން މަޝްރޫޢުތައް ހިންގަވަމުންދިޔައިރު ރައްޔިތުންގެ ރައްކާތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވިކަމަށެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ އާރާއި ބާރުގެ ގޮތުން ބޮޑެތި ޤައުމުތަކުގެ މަގުމަތީގައި ސިއްޙީ އެކި އެހީތެރިކަމަށް އެދިގެން ސަލާމް ޖަހާއި ފުރާނަ ސަލާމަތްކުރުމަށް އާދޭސްކުރަމުންދިޔައިރު އެފަދަ މަންޒަރެއް ރާއްޖޭގެ މަގެއް ނުވަތަ ހޮސްޕިޓަލެއް ތެރެއިންވެސް ފެނިގެން ނުދިޔުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބް ޢަބްދުﷲ ވިދާޅުވީ ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަމަށާއި، ސަރުކާރުގެ ތަރައްޤީގެ ސްޕީޑު ބަރާބަރުކަމަށެވެ. އެގޮތުން ދާންދޫ ދާއިރާއަށް އެކަނި ބަލާއިރުވެސް ގިނަ މަޝްރޫޢުތަކެއް އެދާއިރާގެ ތިން ރަށުގައިވެސް ހިނގަމުންދާކަމަށާއި ބައެއް މަޝްރޫޢުތައް ނިމިފައިވާއިރު ބައެއް އިތުރު މަޝްރޫޢުތައް ޢިއުލާންކޮށް ފެށުމަށް ތައްޔާރުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަމަ އަޅުގަނޑުގެ ދާއިރާ ގައި ހިނގާވަރަށް ތަރައްޤީގެ މަޝްރޫޢުތައް އެބަ ހިނގާ. އަޅުގަނޑު ޝައްކެއް ނުކުރަން. އެއްވެސް ދިވެހި ރައްޔިތަކު މިސަރުކާރާއި ދުރަށް ދާނެއޭ. މިމަޝްރޫޢުތައް ފެންނަ އެއްވެސް މީހަކު ރައީސުލްޖުމްހޫރިއްޔާއާއިމެދު ނުރުހުމުގެ ނަޒަރަކުން ނުބަލާނެ. އަޅުގަނޑުގެ އެދުމަކީ އެއްވެސް ސިޔާސީ ފިކުރެއް ބެލުމެއް ނެތި ރައީސް ދެވަނަ ދައުރަކަށް ހޮވުމަށް މަސައްކަތްކުރުން." ޔައުގޫބް ވިދާޅުވިއެވެ.
ދާންދޫގައި ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފައިވާއިރު ސަރުކާރުން މި ރަސްމިއްޔާތުގައި ވަނީ އެރަށުގައި ހައުސިންގ މަޝްރޫޢެއްގެ އިތުރުން އެހެނިހެން ބައެއް ޚިދުމަތްތައް ފައްޓަވާދެއްވާނެކަން ޢިއުލާންކޮށްފައެވެ.