ތަޢުލީމު

އަރަބި އިސްލާމީ ތަޢުލީމު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް








ރާއްޖޭގައި އަރަބި ތަޢުލީމު އުގަންނައިދޭން ފަށާފައިވަނީ 1988 އަހަރު އޭރުގެ މައުހަދުލް ދިރާސާތުލް އިސްލާމިއްޔާއިންނެވެ. އެހެންނަމަވެސް އޭގެ ފަހުން ސްކޫލް މަރުޙަލާގައި ކިޔަވައިދިނުމުގެ ބައިތައް ފަށާފައިވަނީ މަދަރުސަތުލް އަރަބިއްޔާގައެވެ.



އަރަބި އިސްލާމީ ތަޢުލީމު ފުޅާކުރުމުގެ ގޮތުން ޤައުމީ އާ މަންހަޖުގެ ދަށުން އިތުރު ބަހެއްގެ ގޮތުގައި ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދިނުމަށް ނިންމާ، މާލޭގެ 07 ސްކޫލަކާއި އަތޮޅުތެރޭގެ 41 ސްކޫލެއްގައި އަރަބި ބަސް ދަނީ ކިޔަވައިދެމުންނެވެ. އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަރަބި ބަސް ސްކޫލްތަކުގައި ކިޔަވައިދޭން ފަށާނީ ގްރޭޑް އެކަކުން ފެށިގެންނެވެ. އެއަށްފަހު ގްރޭޑަކަށްފަހު ގްރޭޑެއްގައި އަރަބި ބަސް ތަޢާރަފްކުރެވިގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން  ވިދާޅުވެއެވެ.



މީގެ އިތުރަށް ރާއްޖޭގެ އުތުރާއި ދެކުނުގައި އަރަބި މީޑިއަމަށް ކިޔަވައިދޭ 2 ސްކޫލް ޤާޢިމުކުރުމަށް ނިންމާ، އައްޑޫ ސިޓީގެ ނޫރާނީ ސްކޫލްއާއި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ވަނީ އަރަބި މީޑިއަމަށް ކިޔަވައިދޭން ފަށާފައެވެ.

ގްރޭޑް އެކަކުން 7 އަށް ކިޔަވައިދެމުންދާ ނޫރާނީ ސްކޫލްގައި އަރަބި މީޑިއަމަށް ކިޔަވައިދޭން ފަށާފައިވަނީ މިދިޔަ އަހަރުގައެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީޢު ވިދާޅުވީ ނޫރާނީ ސްކޫލްގައި އަރަބި މީޑިއަމަށް ކިޔަވައިދޭން ފަށާފައިވަނީ އެސްކޫލަށް މިދިޔަ އަހަރު ވަން ގްރޭޑް އެކެއްގެ ކްލާހާއިއެކުގައި ކަމަށެވެ. ޝަފީޢު ވިދާޅުވީ ނޫރާނީ ސްކޫލްގައި އުމްރާނީގޮތުން އެތަން އިތުރަށް ތަރައްޤީކުރުމުގެ ގޮތުން އިތުރު 7 ކްލާސްރޫމް އިތުރުކުރެވިގެންދާނެކަމަށެވެ.



ހދ.ކުޅުދުއްފުށީގައި މިއަހަރުގެ ދިރާސީ އަހަރާއެކު ވަނީ އަރަބި މީޑިއަމަށް ކިޔަވައިދޭން ފަށާފައެވެ. އެގޮތުން މިއަހަރު ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ގްރޭޑް 1 ގައި އިނގިރޭސި މީޑިއަމެކޭ އެއްގޮތަށް އަރަބި މީޑިއަމަށް ދަނީ ކިޔަވައިދެމުންނެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީޢު ވިދާޅުވީ އެމަރުކަޒުގައި 3 ގްރޭޑް އުފެދުމުން އަރަބި މީޑިއަމަށް ކިޔަވައިދޭނެ ވަކި ސްކޫލެއް ޤާއިމުކުރެވިގެންދާނެކަމަށެވެ. އަދި އައްޑޫ ސިޓީގެ ނޫރާނީ ސްކޫލާއި، ހދ، އަތޮޅު ތަޢުލީމީ މަރުކަޒުގައި އަރަބި މީޑިއަމަށް ކިޔަވައިދޭން ފަށާފައިވަނީ ފެންވަރު ރަގަޅު ޓީޗަރުން އެސްކޫލްތަކަށް ފޮނުވައިގެންކަމަށް ޝަފީޢު ވިދާޅުވިއެވެ.



ސްކޫލް ތަކަށް އިތުރަށް ބޭނުންވާ ޓީޗަރުން ތަމްރީން ކުރުމަށް އިސްލާމިކް ޔުނިވަރސިޓީ އާއި އެކު  އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށް އަމަލީ މަސައްކަތް ފަށާފައެވެ. މި އެއްބަސްވުމުގެ ދަށުން އަރަބި، އިސްލާމް އަދި ޤުރުއާން މާއްދާ ތަކަށް 5000 ޓީޗަރުން ތަމްރީން ކުރެވިގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.