ޚަބަރު

ގެސްޓް ހައުސްއާއި ޓޫރިސްޓް ހޮޓާ ތަރައްޤީކުރަން މަތިވެރިން ބިން ދޫކުރަނީ


އއ. މަތިވެރީގައި ގެސްޓްހައުސްއާއި ޓޫރިސްޓު ހޮޓާތައް ތަރައްޤީކުރުމަށް އެރަށުގެ ގެސްޓްހައުސް ޒޯން 2 އަކުން ބިން ދޫކުރަން ހުޅުވާލައިފިއެވެ.

މަތިވެރީގައި ގެސްޓްހައުސްއާއި ޓޫރިސްޓު ހޮޓާތައް ތަރައްޤީކުރުމަށް ދޫކުރަނީ 9500 އަކަފޫޓުގެ ބިމަކާއި، 4900 އަކަފޫޓުގެ ބިމެކެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އއ. މަތިވެރި ކައުންސިލްގެ ނައިބު ރައީސް، އަލީ ނާފިޒު ވިދާޅުވީ، ފަތުރުވެރިކަމުގެ ބޭނުމަށް ރަށުން ބިން ދޫކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ރަށުގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ރަށުގެ އިޤްތިޞާދު އިތުރަށް ޚަރުދަނާ ކުރުންކަމަށެވެ.

މަތިވެރިން ދޫކުރާ 9500 އަކަފުޓޫގެ ބިމަކީ ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ދޫކުރާ ބިމެކެވެ. އަދި މަތިވެރިން ދޫކުރާ 4900 އަކަފޫޓުގެ ބިމަކީ، ގެސްޓް ހައުސް އިމާރަޓްކުރުމަށް ދޫކުރާ ބިމެކެވެ. މި ދެ ބިިންވެސް ދޫކުރަން ހަމަޖެހިފައިވަނީ އާންމުން ދިރިއުޅޭ ސަރަހައްދާއި ދުރުން، ފަތުރުވެރިންނަށް ޚާއްސަކޮށްފައިވާ ސަރަހައްދުންނެވެ.

ފަތުރުވެރިންގެ މަޤުބޫލު މަންޒިލަކަށް މަތިވެރި ހެދުމުގެ އަމާޒު

ކައުންސިލްގެ ނައިބު ރައީސް އަލީ ނާފިޒު ވިދާޅުވީ، އެ ސަރަހައްދުން ބިން ދޫކުރުމުގެ އެންމެ ބޮޑު އަމާޒަކީ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކޮށް، ފަތުރުވެރިންނަށް ދޭ ޚިދުމަތްތައް އިތުރަށް ޚަރުދަނާ ކުރުންކަމަށެވެ.

ނާފިޒު ވިދާޅުވީ، މަތިވެރިއަކީ ފަތުރުވެރިކަން ވަރަށް ފުޅާކޮށް ކުރަމުންދާ ރަށެކެވެ. އެހެންކަމުން، ރަށުގައި ފަތުރުވެރިކަން ކުރިއަރަމުންދާ ދަނޑިވަޅުގައި، ފަތުރުވެރިންނަށް ދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަކީ މުހިންމުކަމެއްކަމަށް ޤަބޫލުކުރައްވާކަމަށެވެ. އެގޮތުން، ރަށުގައި ޒަމާނީ ފެންވަރަށް ޑައިވިން ސްކޫލަކާއި ކަލަޗަރަލް ސެންޓަރެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ނައިބު ރައީސް ފާހަގަކުރައްވައެވެ.

އއ. މަތިވެރިއަކީ ޤުދުރަތީ ގޮތުން މުއްސަނދި ރަށެއްކަމަށާއި، އެކަމުގެ ސަބަބުން މަތިވެރިއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ރަށެއްކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި މިހާރު އެރަށުގައި ގާތްގަނޑަކަށް 13 ގެސްޓްހައުސް އޮޕަރޭޓްކުރަމުންދާ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.

ގެސްޓް ހައުސްއާއި، ޓޫރިސްޓް ހޮޓާ ތަރައްޤީކުރަން ދޫކުރާ ބިންތަކަށް ބީލަން ހުށައަޅަން ކައުންސިލުން މިހާރު ވަނީ ހުޅުވާލާފައެވެ. ބީލަން ހުށައެޅުމުގެ ސުންގަނޑިއަކީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ 12:00 އެވެ.