ދުނިޔޭގެ ވިޔަފާރި

ޓްވިޓަރގެ ސީއީއޯގެ މަޤާމުން އިސްތިއުފާ ދޭނެކަމަށް މަސްކު ބުނެފި


އިލާން މަސްކުގެ ބަދަލުގައި ޓްވިޓަރގެ ސީއީއޯގެ މަޤާމަށް މީހަކު ލިބޭއިރަށް ގެ މަޤާމުން އިސްތިއުފާ ދޭނެކަމަށް ޓުވިޓަރގެ ވެރިޔާ އަދި ބިލިއަނަރު އިލާން މަސްކު ބުނެފިއެވެ. އިސްތިއުފާ ދިން ނަމަވެސް ޓުވިޓަރގެ ބައެއް މުހިންމު ޑިވޝަންތައް ހިިންގާނެކަމަށް ކަމަށް މަސްކު ބުނެއެވެ.

މަސްކް ވަނީ މީގެ ކުރިން ޓްވިޓަރގައި ޕޯލްއެއް ނަގާފައެވެ. އެގޮތުން އޭނާ މަޤާމުން ދުރުވާން ޖެހޭކަމަށް ޕޯލްގައި ބައިވެރިވި %57.5 މީހުން ވޯޓު ދީފައިވާއިރު، އޭނާ މަޤާމުގައި ހުރުމަށް ތާއީދުކޮށް ވޯޓު ދީފައިވަނީ %42.5 މީހުންނެވެ.

ޕޯލް ނެގުމުގެ ގޮތުން މަސްކް ވަނީ އޭނާ މަޤާމުގައި ހުންނަން ތާއީދުކުރޭތޯ ސުވާލުކޮށް، ޕޯލްގެ ނަތީޖާއަށް އޭނާ ތަބާވާނެކަމަށްވެސް ބުނެފައެވެ.

މަޤާމާ ޙަވާލުވިފަހުން މަސްކްއަށް އެކި ގޮތްގޮތުން ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. އެގޮތުން ޓްވިޓަރގެ އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކި ކުރުމާއި، ޓްވިޓަރ އެކައުންޓުތައް ވެރިފައިކުރާނަމަ ފައިސާ ނަގަން ނިންމުން ފަދަ ކަންކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

ޓްވިޓަރ ގަންނަން ހެދި އެއްބަސްވުމާއި ޓްވިޓަރއިން ޚިލާފުވެފައިވާކަމަށް ބުނެ އެ މުއަމާލާތް ދެން އިތުރަށް ކުރިއަށް ނުގެންދަން އިލާން ނިންމީ މިއަހަރުގެ ޖުލައި މަހުއެވެ. އެއްބަސްވުން އުވާލަން އޭނާ ނިންމުމާއެކު ޓްވިޓަރއިން ވަނީ އެ އެއްބަސްވުމާއި އެއްގޮތަށް ކުންފުނި ގަންނަން ޖެހޭނެކަމަށް ބުނެ އިލާންއާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް ކޯޓުގައި ބާއްވާފައި ވަނިކޮށް ހަމަ ކުރިންވެސް ހުށަހެޅި އަގު ކަމަށްވާ، 44 ބިލިއަން އެމެރިކާ ޑޮލަރަށް ޓްވިޓަރ ގަންނާނެކަމަށް ބުނެ ޝަރީއަތް މަޑުޖައްސާލުމަށް މަސްކު ވަނީ އެދިފައެވެ. މަސްކު ރަސްމީކޮށް ޓުވިޓަރ ހިންގުމާއި ހަވާލުވީ މިދިޔަ އޮކްޓޫބަރު މަހުގެ 27 ގައެވެ.

ޓްވިޓަރއާ ހަވާލުވުމަށްފަހު ޕްލެޓްފޯމުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބަދަލުތަކެއް ގެންނާނެކަމަށް މަސްކު ވަނީ ބުނެފައެވެ.