ޚަބަރު

ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ނަޝީދު ފޯމު ހުށަހަޅުއްވައިފި


މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކެނޑިޑެންސީ ފޯމު ހުށަހަޅުއްވައިފިއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވައި، އެކަން ރައީސް ނަޝީދު ރަސްމީކޮށް އިއުލާންކުރެއްވީ މި މަހުގެ 18 ވަނަ ދުވަހު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ހުޅުވާލުމުންނެވެ. މި މުއްދަތު ހަމަވަނީ ހޮނިހިރު ދުވަހުއެވެ.

ރައީސް ނަޝީދު ކެންޑިޑެންސީ ފޯމު ހުށަހަޅުއްވާފައިވާކަން ހާމަކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް ކުރެއްވި ޓުވީޓެއްގައެވެ. ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހަޅަން ޖެހެނީ 500 މެމްބަރުންގެ ތާއިދާއެކުއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޓައިމްލައިން

18 ޑިސެމްބަރ 2022– ރިޔާސީ ޕްރައިމަރީ އިޢުލާން ކުރުން
18 ޑިސެމްބަރ 2022 – ރިޔާސީ ޕްރައިމަރީ ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން
24 ޑިސެމްބަރ 2022– ކެންޑިޑޭޓުން ވާދަ ކުރުމުގެ ފޯރމް ބަލައިގަތުމުގެ މުއްދަތު ހަމަވުން (16:00 އަށް)
26 ޑިސެމްބަރ 2022 – ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރުން
28 ޑިސެމްބަރ 2022 – ރިޔާސީ ޕްރައިމަރީ ވޯޓަރޒް ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން
31 ޑިސެމްބަރ 2022 – ވޯޓަރޒް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވުން (16:00 އަށް)
03 ޖެނުއަރީ 2023 – ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓަރޒް ލިސްޓް އާންމު ކުރުން
10 ޖެނުއަރީ 2023- ކެންޑިޑޭޓް މަންދޫބުންނަށް ފުރުޞަތު ހުޅުވާލުން
15 ޖެނުއަރީ 2023– ކެންޑިޑޭޓް މަންދޫބުންނަށް ފުރުޞަތު ބަންދުވުން
28 ޖެނުއަރީ 2023– ރިޔާސީ ޕްރައިމަރީ ވޯޓްލާ ދުވަސް

ރައީސް ނަޝީދުގެ އިތުރުން ޕްރައިމަރީގައި ވާދަކުރައްވާނެކަން އެމްޑީޕީގެ އިސް ލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް ވަނީ އިއުލާންކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ކެމްޕެއިން ޓީމުންވެސް ގެންދަނީ ކެނޑިޑެންސީ ފޯމް ހުށަހެޅުއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުންނެވެ.