ޚަބަރު

ފުލުހުން ވަކިކުރި މައްސަލަ ސިވިލް ކޯޓުން ބާތިލްކުރުމުން އިސްތިއުނާފަށް


ޕޮލިސް ބޯޑުގެ ލަފާގެ މަތިން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ފުލުހުންގެ ތެރެއިން ފަސް އޮފިސަރަކު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ނިންމުން ސިވިލް ކޯޓުން ބާތިލުކޮށްފައިވާތީ ދައުލަތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ މައްސަލަ އިސްތިއުނާފުކުރީ ސިވިލް ކޯޓުގެ ނިންމުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު މާނަކޮށް ތަންފީޛުކޮށްފައިވަނީ ރަނގަޅަށްކަމަށް އެ އޮފީހަށް ނުފެންނާތީކަމަށެވެ.

ޕޮލިސް ބޯޑުގެ ލަފައާއެކު ވަޒީފާއިން ވަކިކުރަން ނިންމި އޮފިސަރުން

* ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
* އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
* އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
* ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
* ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
* އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
* ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދުއެވެ.

މި 7 އޮފިސަރުންގެ ތެރެއިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ޖުމްލަ 5 އޮފިސަރުންނެވެ. އެއީ ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އާއި އެސިސްޓަންޓް ކޮމިޝަނަރ ފަރުހާދު ފިކުރީ ނޫން ދެން ތިބި ފަސް އޮފިސަރުންނެވެ. މައްސަލަ ހުށަހެޅި ފަސް އޮފިސަރުންގެ ތެރެއިން ޝަރީފާއި ދާއޫދާއި ޝަމީމް ވަކިކުރުމުގެ ނިންމުމަށް އަމަލުކުރުން ކޯޓުން ވަގުތީ ގޮތުން ހުއްޓުވާފައިވާތީ އެ ބޭފުޅުން އަދިވެސް ތިބީ ވަޒީފާގައެވެ.

ފަސް އޮފިސަރުންގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ, އެބޭފުޅުން މަގާމުން ވަކިކުރަން ނިންމިއިރު، ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާ ކަމަށާއި އަދި ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައިނުވާ ކަމަށެވެ. ފުލުހުންގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުގެ ނިންމުމަކުން އިސް އޮފިސަރަކު ވަކި ކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލާގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހުކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

މި މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ދައުވާކުރި ފަސް އޮފިސަރުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައިނުވާ ކަމަށެވެ. އެގޮތުން ފުލުހުންގެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ސުޕްރިޓެންޑެންޓް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް ތުހުމަތު ކުރެވޭ ކަންކަމާއި އެ މީހުންގެ ތައުލީމީ ފެންވަރަށް ބަލަން ޖެހޭނެކަމަށް ގާނޫނުގައި ބުނެފައި އޮތަސް، އެއީ އެފަދަ އޮފިސަރުން ވަކިކުރުމުގެ ބާރު ލިބިދޭ މާއްދާއެއް ނޫން ކަމަށް ހުކުމުގައިވެއެވެ.

މީގެ އިތުރަށް މި މައްސަލާގައި ދައުލަތުން ޕޮލިސް ބޯޑުގެ ނިންމުން ކަމަށް ބުނެ ކޯޓަށް ހުށަހެޅި ދެ ރިޕޯޓަކީ ވެސް އެ ފަސް އޮފިސަރުންނަށް ނިސްބަތްވާ ގޮތަށް ކަމެއް ނިންމާފައިވާ ރިޕޯޓެއް ނޫން ކަމަށާއި އެ ފަސް އޮފިސަރުންނަށް ނިސްބަތްވާ ގޮތަށް ޕޮލިސް ބޯޑުން އެފަދަ ނިންމުމެއް ނިންމާފައިވާކަން އެނގެން ނެތްކަމަށް ހުކުމުގައިވެއެވެ.