ޚަބަރު

"ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް" އުފައްދަވައިފި


ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައިފިއެވެ. މި އިދާރާގެ ހިންގުން ބަލަހައްޓާނީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.

ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ފެއްޓެވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން އަންނަ އަހަރަށް ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ކަނޑައެޅި ކަންކަމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހިމަނާފައިވަނީ އާއްމު ސިއްޙަތު ކުރިއެރުވުމާއެކު ނަފްސާނީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމެވެ.

"ކިހިނެތް؟"ގެ ނަމުގައި، ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ޤައުމީ ކެމްޕެއިންވެސް މިޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ވަނީ އިފްތިތާހްކޮށްފައެވެ.

ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓަކީ މި ދާއިރާ އިތުރަށް ހަރުދަނާކޮށް، މިކަމާއި ގުޅޭ ސިޔާސަތުތައް ކަނޑައަޅާ ތަންފީޒުކުރުމުގައި އިތުރަށް ބާރުއެޅުމަށް އުފެއްދެވި ޑިޕާޓްމަންޓެކެވެ.

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް ޤާއިމުކުރުމުގެ މަޤުޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި، ނަފްސާނީ ދުޅަހެޔޮކަމަށް މުޖުތަމަޢު އަހުލުވެރިކޮށް، ނަފްސާނީ ސިއްޙަތުގެ ދާއިރާއިން ހިންގާ ޕްރޮގްރާމްތައް ކަނޑައެޅުން ހިމެނެއެވެ. އަދި ނަފްސާނީ ސިއްޙަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ހިންގާ ޕްރޮގްރާމްތަކާއި ކުރެވޭ މަސައްކަތްތައް ވިލަރެސްކޮށް، ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުން ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ފޯރުކޮށްދޭކަން ކަށަވަރުކުރުން ހިމެނެއެވެ.

ނަފްސާނީ ޞިއްޙަތާއި ގުޅުންހުރި މަސައްކަތްތައް ކުރާ އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި ގުޅުން ބަދަހިކޮށް އެ ފަރާތްތަކުގެ އެއްބާރުލުން ހޯދައި، އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާދިނުމަކީވެސް މިޑިޕާޓްމަންޓް އުފެއްދުމުގެ މުހިންމު މަޤުޞަދެކެވެ.

މީގެއިތުރުން ނަފްސާނީ ސިއްޙަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ލަފައާއި އެހީ ހޯދުމާއި، އެ ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުމާއި، ނަފްސާނީ ސިއްޙަތުގެ ދިރާސާތައް ހެދުމާއި، އެ މަޢުލޫމާތު ކަމާ ގުޅުންހުރި ފަރާތްތަކަށް ފޯރުކޮށްދީ، މި ދާއިރާގެ ތަފާސް ހިސާބުތައް ބެލެހެއްޓުމަކީވެސް ޑިޕާޓްމަންޓް އުފެއްދުމުގެ މަޤްސަދެކެވެ.

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 489 ކަމުގައިވަނީ ކަނޑައަޅާފައެވެ.

ސަރުކާރުން ވަނީ އައިޖީއެމްއެޗްއާއި ހުޅުމާލޭ ހޮސްޕިޓަލްގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ސެންޓަރެއް ހުޅުވާފައެވެ.