ޚަބަރު

އާރަށުގެ މައްސަލާގައި ރައީސް ޔާމީނަށް ހުކުމްކުރުން އާދިއްތަދުވަހު


ވ.އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މައްޗަށް ދައުވާ ކުރާ މައްސަލައިގެ ހުކުމްކުރުން އަންނަ އާދިއްތަދުވަހަށް ތާވަލްކޮށްފިއެވެ.

މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ ރައީސް ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށެވެ. އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ދައުލަތުން ކުރެއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ކޮށްފައިވެއެވެ.

މި މައްސަލާގެ އަޑުއެހުންތައް ނިންމާލީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން މިހާރު ވަނީ އަންނަ އާދިއްތަދުވަހަށް މައްސަލައިގައި ހުކުމް އިއްވުމަށް ތާވަލުކޮށްފައެވެ.

ޔާމީންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ އާރަށް ކުށްޔަށް ދިނުމުން ރައީސް ޔާމީނަށް އެއް މިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމް ދެއްވިކަމަށެވެ. އަދި މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

ޚުލާސާ ބަޔާނުގައި ދައުލަތުގެ ފަރާތުން ވަނީ މިމައްސަލާގައި ދައުލަތުން ހުށަހެޅި ކަންކަމާއި، ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ވާހަކަ ދައްކާފައެވެ. މިމައްސަލާފައި ދިފާއުން ހުށަހެޅި ހެކިތަކާއި ގުޅިގެން ދައުލަތުން ވިދާޅުވީ އެހެކިތަކަކީ ދައުވާއިން ސަލާމަތްވާން ހުށަހަޅާފައިވާ އެއްވެސް ހަގީގަތެއް ނެތް، އުފައްދާފައިވާ ހެކިތަކެއް ކަމުގައެވެ.

މިމައްސަލާގައި ދައުވާ ރައްދުވާ ރައީސް ޔާމީނާއި، ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ އާރަށް ވަކި މީހަކަށް ކުއްޔަށްދޭން ކުރި ކަމެއް ދައުލަތަށް ސާބިތުކޮށް ދެވިފައިނުވާކަމަށެވެ. އަދި ރައީސް ޔާމީނަކީ ސިޔާސީ ބޭފުޅަކަށްވުމުން ސިޔާސީ ގޮތުން ލިބޭ ފައިސާއަކީ އޭގެ ތަފްސީލް ދޭންޖެހޭ އަދި ހާމަކުރަންޖެހޭ ފައިސާތަކެއް ނޫންކަމަށްވެސް ދިފާއީ ވަކީލުން ވިދާޅުވެފައިވެއެވެ.

މިމައްސަލައިގެ އަޑުއެހުންތައް ނިންމާލެއްވުމަށްފަހު މައްސަލަ ބައްލަވާ ޤާޒީ އަހުމަދު ޝަކީލް ވިދާޅުވީ މިމައްސަލަ އަކީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެއް ކަމަށެވެ. މިމައްސަލައިގައި ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭއްވުނު ޝަރީއަތުގެ އަޑުއެހުންތަކުގައި 60 ގަޑިއިރުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވެއެވެ.