ޚަބަރު

ނޫވިލު ޓާރމިނަލްއަށް ބައިނަލްއަޤްވާމީ އެވޯޑެއް


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭ ގެ ނޫވިލު ސީޕްލޭން ޓަރމިނަލްއަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެއެވެ.

ނޫވިލު ސީޕްލޭން ޓަރމިނަލްއަށް ލިބިފައިވަނީ "ގްލޯބަލް ބެސްޓް ޕްރޮޖެކްޓްސް އެވޯޑް"އެވެ.

"ގްލޯބަލް ބެސްޓް ޕްރޮޖެކްޓްސް އެވޯޑް" އަކީ ޢިމާރާތްކުރުމުގެ ސިނާޢަތުގައި ހިންގާފައިވާ މަޝްރޫޢުތަށް ފާހަގަކޮށް، އިންޖިނިއަރިން ނިއުސް ރެކޯޑް، އީއެންއާރްއިން ދޭ ބައިނަލްއަޤްވާމީ އެވޯޑެކެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް.އިން މަޢުލޫމާތުދޭ ގޮތުގައި ނޫވިލު ޓަރމިނަލްއަށް މިއެވޯޑް ލިބިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުގެ 18 ޤައުމެއްގައި ހިންގާފައިވާ 34 ޕްރޮޖެކްޓްއަކާއި ވާދަކޮށްގެންނެވެ.

މިއެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލް.އިން އޮންލައިންކޮށް ބައިވެރިވެފައިވާއިރު، އިންޖިނިއަރިން ނިއުސް ރެކޯޑް، އީއެންއާރްއިން ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދަތުރުފަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި، މަސައްކަތްތެރިންގެ ދަތިކަމަށް ދިމާވެފައިވާ ހުރަސްތަކުން އަރައިގަނެ، އެކަންކަން ހައްލުކުރުމަށް އެމްއޭސީއެލްއިން ކުރާ މަސައްކަތްތައް ފާހަގަކޮށްފައިވާކަމަށް އެމް.އޭ.ސީ.އެލް.އިން މަޢުލޫމާތުދެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ ނޫވިލު ސީޕްލޭން ޓާމިނަލަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލްއެވެ. ހަރަތު ބުރީގެ މިޓަރމިނަލްގައި އެއްފަހަރާ 100 ބޯޓަށް ޙިދުމަތްދެވޭއިރު، މި ޓަރމިނަލްގައި 50 ލައުންޖް ހިމެނެއެވެ. މީގެތެރޭގައި އެމްއޭސީއެލްގެ ކޮމަން ލައުންޖަކާއި، އަދި ބިޒްނަސް ލައުންޖް ހިމެނެއެވެ.

މި ލައުންޖްތައްވެސް ހަދާފައިވަނީ އިންޑޯގެ އިތުރުން، އައުޓްޑޯ ބައެއްވެސް ހިމެނޭ ގޮތަށެވެ. އަދި ރިސޯޓްތަކުން ލައުންޖް އޭރިއާ ހެދުމަށް، 43 ލައުންޖް ވަނީ ދޫކޮށްފައެވެ. މިލައުންޖްތަކަކީ މަޑުކޮށްލައިގެން ތިބެން ހިތްފަސޭހަ، އަދި އެތަނުން ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ލިބޭ، ހިތްހަމަޖެހިލައިގެން ތިބެވޭ ތަނަކަށް ވަނީ ހަދާފައެވެ. އަދި ޓަރމިނަލް ފަރުމާކޮށްފައިވަނީވެސް އެއަރޕޯޓްގެ ރީތި "ވިއު" އެންމެ ފުރިހަމައަށް ފެންނަ ގޮތަށެވެ.

މި ޓަރމިނަލް ތަރައްޤީކޮށްފައިވަނީ ޗައިނާގެ ބެއިޖިންގެ އަރބަން ކޮންސްޓރަކްޝަން ގުރޫޕުން 58 މިލިއަން ޑޮލަރު ހަރަދުކޮށްގެންނެވެ.