ޚަބަރު

މާލޭގައި ހިނގި މާރާމާރީއެއްގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި


ހެންވެއިރު ގެއެއްތެރޭގައި ދެ މީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ އެކަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12:21 ހާއިރު ކަމަށެވެ. އަދި މި މާރާމާރީގައި ޒަހަމްވި މީހާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާ ދެމުންއަންނަކަމަށެވެ.

މި މާރާމާރީގައި އަނިޔާ ލިބި ފަރުވާ ދެމުންދަނީ އުމުރުން 37 އަހަރުގެ ފިރިހަނަކަށެވެ. އަދި މިމާރާމާރީ އާ ގުޅިގެން އުމުރުން 25 އަހަރުގެ އަންހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން މި މާރާމާރީ ހިނގާފައިވަނީ އާއިލާ ތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށް ބެލެވޭކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.