ޚަބަރު

އާއްމު ސިއްހަތު ކުރިއެރުވުމުގެ ޕްރޮގްރާމް ފުރަތަމަ ފ.އަތޮޅުގައި


އާއްމު ސިއްހަތު ކުރިއެރުވުމަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ މަސައްކަތްތައް އެންމެ ފުރަތަމަ ފ.އަތޮޅުގައި ފެށުމަށް ނިންމައިފިއެވެ. ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފްލާއެއްގައި މިޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ޑަބްލިއުއެޗްއޯއިން ދެކުނުއިރުމަތީ އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ ޑރ ޕޫނަމް ކެތްރަޕާލް ސިންގް އެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމްގެ އިތުރުން އެ މިނިސްޓްރީގެ އިސްބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިހަފްލާގައި ވާހަކަދައްކަވަމުން ޕޫނަމްވަނީ ފާއިތުވެދިޔަ 8 އަހަރުތެރޭގައި ސިއްހީ ދާއިރާއިން ރާއްޖެއަށް އައިސްފައިވާ ކުރިއެރުން ފާހަގަކޮށްފައެވެ. އޭނާ ވިދާޅުވީ ފ.އަތޮޅަށް އެކަނި ބެލިނަމަވެސް އެކުރިއެރުން ހާމަވާކަމަށެވެ.

ރޭ އިފްތިތާހް ކުރެވުނު މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދުޅަހެޔޮކަން އިތުރުވެގެން ދާނެއެވެ. ޕްރައިމަރީ ހެލްތު ކެއާގެ ލަނޑުދަޑިތައް ހާސިލްކުރުމަށް ރަށު ފެންވަރުގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިން މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ އެއްޓީމެއްގެ ގޮތުގައެވެ. މިޕްރޮގްރާމްގެ ދިގުމުއްދަތުގެ މައިގަނޑު އަމާޒަކީ ސިއްހީ މައްސަލަތަކަށް އިރުޝާދުދީ ރައްޔިތުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމެވެ.

މިހަފްލާގައި ވާހަކަފުޅު ދައްކަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވަނީ، ޕޯލިއޯ، ރުބެއްލާ، މެލޭރިއާ، ފަދަ ބަލިތަކުން ރައްކާތެރި ވެފައިވާ ގައުމަކަށް ރާއްޖެ ހެދުމުގައި ޑރ. ޕޫނަމްގެ ދައުރު ބޮޑުކަން ފާހަގަކޮށް އެ ކަމަނާއައް ޝުކުރު އަދާކުރައްވާފައެވެ.

ޒަމާނުންސުރެއް ރާއްޖޭގައި ދެމުން އައްނަ ޕްރައިމަރީ ހެލްތު ކެއާގެ ޚިދުމަތްތައް އޭގެ އަސާސްތަކަށް ބިނާކޮށް އަލުން ދިރުވާ އާލާ ކުރުމަށް އިތުރު އަހަންމިއްޔަތުކަމެއްދީ، ޚާއްސަ މަސައްކައްތަކެއް ފެށުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

އެ ގޮތުން މި މަސައްކަތް 2023 ވަނަ އަހަރު ހަރުދަނާގޮތެއްގައި ފެށުމަށް ތައްޔާރުވުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަންނީ މާހިރުންގެ ބެލުމުގެ ފަށުން ފ.އަތޮޅުގައި މިއަހަރުވަނީ އެސެސްމެންޓެއް ކުރިއައް ގެންގޮސްފައެވެ. މި އެސެސްމެންޓްގެ ހޯދުންތަކަށް ރިއާޔަތްކޮށް ޑެމޮންސްޓްރޭޝަން ސައިޓްގެ ގޮތުގައި ފ.އަތޮޅު ކަނޑައެޅީ ޕްރައިމަރީ ހެލްތު ކެއާ އިތުރަށް ދިރުވާ އާލާ ކުރުމުގެ މަޝްރޫއު 2023 ވަނަ އަހަރު ވަނީ ހަމަޖެހިފައެވެ.