ޚަބަރު

މިދިޔަ ހަފްތާގައި ކޯވިޑް ޖެހުނީ 15 މީހަކަށް


މިމަހުގެ ފުރަތަމަ ހަފްތާއާ އަޅާބަލާއިރު މިދިޔަ ހަފްތާގައި ކޯވިޑް 19 ޖެހުނު މީހުންގެ އަދަދު ދަށްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ ފުރަތަމަ ހަފްތާގައި ކޯވިޑް ޖެހިގެން ރިޕޯޓް ކުރީ 19 މީހުންނެވެ. ނަމަވެސް މިދިޔަ ހަފްތާގައި ބަލިޖެހިގެން ރިޕޯޓްކުރީ 15 މީހުންނެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ މެދުތެރޭގައި ކޯވިޑް ޖެހޭ މީހުންގެ ޢަދަދު އިތުރުވުމަށްފަހު އެމަސް ނިމުމަކާއި ހަމައަށް އައިއިރު އަދަދުތައް ދަށަށް ދާންފެށިއެވެ. ނަމަވެސް ޑިސެމްބަރު ފެށުނު އިރު ޢަދަދުތައް މައްޗަށް ޖެހިލުމަށްފަހު ވަނީ ދަށް ވާން ފަށާފައެވެ. އެގޮތުން މިދިޔަ ހަފްތާގައި ކޯވިޑް ޖެހިގެން ރިޕޯޓްކޮށްފައިވަނީ 15 މީހުންނެވެ. މި 15 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ބަލި ޖެހުނު 4 މީހަކާއި ރަށްރަށުން ބަލިޖެހުނު 4 މީހުންނެވެ. އަދި އެހެނިހެން ތަންތަނުން 7 މީހަކަށް ބަލިޖެހިފައިވެއެވެ. މިއާއެކު ކޯވިޑް ޖެހުނު މީހުންގެ ޢަދަދު ވަނީ 185،666 އަށް އަރާފައެވެ.

މި ބަލިޖެހިގެން މިހާރު 2 މީހަކަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އަދި ބަލި ޖެހިގެން މިހާތަނަށް 311 މީހަކު ވަނީ ނިޔާވެފައެވެ.

ކޯވިޑުން ދިފާޢުވުމަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް ކޯވިޑް ދިފާޢުގެ ފުރަތަމަ ޑޯޒް 399،151 މީހުން ވަނީ ޖަހާފައެވެ. ދެވަނަ ޑޯޒް 385،081 މީހުންވަނީ ޖަހާފައެވެ. ބޫސްޓަރގެ ފުރަތަމަ ޑޯޒް167،589 މީހުން ޖަހާފައިވާއިރު ބޫސްޓަރގެ ދެވަނަ ޑޯޒް 1393 މީހުންވަނީ ޖަހާފައެވެ.

ކޯވިޑްގެ ކޭސްތައް މަދުވިނަމަވެސް މޫސުމީ އެކި ރޯގާތައް ވަނީ އިތުރުވެފައެވެ. މިގޮތުން ޑެންގީ ކޭސްތައް ވަނީ އިތުރުވެފައެވެ. އެހެންކަމުން ހުމާއި ރޯގާތަކުން ރައްކާތެރިވުމަށް ޢާއްމު ސާފުތާހިރުކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.