ޚަބަރު

ޑަބްލިއުއެޗްއޯގެ ތަޢުރީފް: ސިއްޙީ ދާއިރާއަށް އެންމެ ބޮޑު އިންވެސްޓެއް ކުރާ ޤައުމަކަށް ރާއްޖެ


ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ގިނަ އަދަދެއްގެ އިންވެސްޓްކުރި މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ވިދާޅުވެ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދެކުނުއިރުމަތީ އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ ޑރ ޕޫނަމް ކެތްރަޕާލް ސިންގް ރާއްޖެއަށް ތަޢުރީފް ކުރައްވައިފިއެވެ. އެކަމަނާ މިފަދައިން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ޑަބްލިއު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޑަބްލިއު.އެޗް.އޯއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން، ޑަބްލިއު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ވަނީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފްކުރައްވައި، ކޯވިޑް-19ގެ ބަލިމަޑުކަން ވަރަށް ރަނގަޅަށް މެނޭޖްކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ ރާއްޖެއިން، ކޯވިޑް-19 އަށް ފަހު ޞިއްޙީކަންކަމަށް ދޭ ސަމާލުކަން ބެލެންސްކޮށް އިޤްތިޞާދީގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ރާއްޖެއަށް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ގިނަ އަދަދެއްގެ އިންވެސްޓްކުރި މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށާއި، ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 12 އިންސައްތަ ޚަރަދުކުރަނީ މި ދާއިރާ ކުރިއެރުވުމަށް ކަމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖެއަށް ދެމުން ގެންދާ އެއްބާރުލުމާއި އިރުޝާދަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޞިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކުރުމުގައި އިތުރު ތަޖުރިބާކާރުންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޑަބްލިއު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ވަނީ އެކަމަނާއަކީ، ތަފާތު ބަލިތައް ނައްތާލުމަށް މަސައްކަތްކުރައްވާ ފަރާތެއް ކަމުގައި ވިދާޅުވެ، މެލޭރިއާ އާއި ޕޯލިއޯ ފަދަ ގިނަ ބަލިތައް ރާއްޖެއިން ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ.

ހަމަ އެއާއެކު މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޑަބްލިއު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ވަނީ، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.