ޚަބަރު

ފަރެސްމާތޮޑާ ކޯޒްވޭގެ ތަނބުޖަހަން ފަށައިފި، މެއި މަހު މަޝްރޫޢު ނިމޭނެ: އަސްލަމް


ގދ.ފަރެސްމާތޮޑާ އެއަރޕޯޓާއި، ރަށާ ގުޅުވާލާ ކޯޒްވޭ ހެދުމުގައި މިހާރު ކުރިއަށްދަނީ ތަނބުތައް ޖެހުމުގެ މަސައްކަތްކަމަށާއި، ފެށޭ އަހަރުގެ މެއި މަހު ކޯޒްވޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް މިނިސްތަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްތްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާގައި ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓަކީ ރަށުގެ ފަޅުގައި އޮތް ބައެއް ރަށްތައް ހިއްކައިގެން ތަރައްޤީކުރާ އެއަރޕޯޓެކެވެ. ސަރުކާރުން ޕްލޭންކޮށްފައިވަނީ އެއަރޕޯޓާއި ފަރެސްމާތޮޑާ ކޯޒްވޭއަކުން ގުލުވާލުމަށެވެ. މިހާރު އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު މިހާރު ވަނީ ނިމުމަކާއި ގާތްވެފައެވެ. އެއަރޕޯޓާއި ފަރެސްމާތޮޑާ ގުޅުވާލާ ކޯޒްވޭ ގުޅުވާލަނީ ރަށުގެ ފަރެހާ ވީ ފަޅިންނެވެ. އެ ކޯޒްވޭއިން ދަތުރުކުރާނަމަ އެއްގަމު އުޅަނދެއްގައި ގާތްގަނޑަކަށް ދެ މިނެޓުގެ ކުރު ދަތުރެއްގައި އެރަށުން އެއާޕޯޓަށް ދެވޭނެއެވެ.


ފަރެސްމާތޮޑާ އެއާޕޯޓާ ގުޅޭގޮތުން ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ޕީއެސްއެމްނިއުސް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އެއާޕޯޓާއި ފަރެސްމާތޮޑާ ގުޅުވާލަން އަޅާ ކޯޒްވޭގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ތަނބުތައް ޖެހުންކަމަށެވެ. އަދި ކޯޒްވޭގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ކޯޒްވޭ ނިމުމުގެ ކުރިން އެއަރޕޯޓް ހުޅުވައި ޚިދުމަތް ދޭން ފެށޭނެކަން ފާހަގަކުރައްވާފައެވެ.

"އެންމެ ކޮންވީނިއެންޓްކޮށް، ރައްޔިތުންނަށް އެއާޕޯޓަށް އައިސް ގޮސް ބޭނުންކުރެވޭ ވަރު ވާނީ އަންނަ އަހަރުގެ މޭ، ޖޫން ހިސާބުގައި." މިނިސްޓަރ ވިދާޅުވިއެވެ.

ކޯޒްވޭ ނިމުމުގެ ކުރިންވެސް އެއަރޕޯޓަށް ފަސޭހައިން ދަތުރުކުރެވޭނެ

ކޯޒްވޭގެ މަސައްކަތް ނުނިމޭތީ، މިހާރު އޮންނަ ގޮތުން އެއާޕޯޓަށް ދާން ޖެހެނީ ކަނޑު ދަތުރެއް ކޮށްފައެވެ. އެގޮތުން ފަރެސްމާތޮޑާއިން އެ ރަށުގެ އެއާޕޯޓަށް ދިއުމަށް ލޯންޗެއްގައި 3 މިނެޓާއި 5 މިނެޓާ ދެމެދުގެ ކުރު ދަތުރެއް ކުރަންޖެހެއެވެ. މިނިސްޓަރ ވިދާޅުވީ ފަރެސްމާތޮޑާއާ އެއާޕޯޓާއި ދެމެދު ކޯޒްވޭއެއް އެޅިނަމަވެސް، ކަނޑު އުޅަނދުގައިވެސް އެއަރޕޯޓަށް ފަސޭހައިން ދަރުކުރެވޭނެ އިންތިޒާމް އޮންނާނެކަމަށެވެ.

"ކޯޒްވޭ ނެތަސް އެއާޕޯޓަށް އަރާ ފޭބުމުގައި އެއްވެސް ދަތިކަމެއް ނޯންނާނެ. ތަނުގައި އެބައިން ކީވޯލެއް، ޑައިރެކްޓްލީ އެކްސެސް ކުރެވޭނެ އެއާޕޯޓަށް. 30 މީޓަރުގެ ކީވޯލެއް އެއީ ބޭނުމަކީ މީހުން ބަލާފަ ގެންދިއުން ހަމަ. މިއީކީ ބަނދަރުކުރާ ބަނދަރެއް ނޫން. ބަނދަރުކުރަންނާ ބޭނުންކުރަނީ ހަމަ ފަރެސްމާތޮޑާ ބަނދަރު. މިތަން މި ތަރައްގީކުރަނީ ޓެކްސީ ސްޓޮޕެއްގެ ގޮތުގައި." މިނިސްޓަރ ވިދާޅުވިއެވެ.

ފަރެސްމާތޮޑާ ފަޅުން 5 ފަޅުރަށް ހިއްކައިގެން އެރަށާ ވެސް ގުޅުވާލާފައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ލަސްވަމުން ދިއުމަށް ފަހު މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ހުޅުވުމަށެވެ. ވަރަށް އަވަހަށް އެއާޕޯޓު ރީޖަނަލް އެއާޕޯޓްސްއާ ހަވާލުކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިހާރު ވެސް އެއާޕޯޓުގެ ރަންވޭ ނިމި ޓެސްޓު ފްލައިޓަށް ތައްޔާރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ފަރެސްމާތޮޑާގައި ތަރައްޤީކުރާ އެއާޕޯޓުގެ ސަބަބުން ގދ. އަތޮޅަށް ދަތުރުފަތުރު ކުރުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށާ، އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުން މުޅި އެ ސަރަޙައްދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ. މިއީ ސަރުކާރުން ހަތަރު މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.