ޚަބަރު

ދަޢުވާކުރަން ފޮނުވާ މައްސަލަ އަނބުރާ ނުފޮނުވާނެކަމުގެ ޔަޤީންކަން ބޮޑު: ޝާމިލް


އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް ވިދާޅުވެ، އޭސީސީން ތަހުގީގުކުރުމަށް ފަހު ދަޢުވާކުރަން ފޮނުވާ މައްސަލަތައް އަނބުރާ ނުފޮނުވާނެކަމުގެ ޔަގީންކަން ބޮޑުކަމަށް އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

އޭސީސީ އާއި ޕީޖީ އޮފީހުގެ ގުޅުމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދީ، ކޯވިޑް-19ގެ ދުވަސްވަރު ރާއްޖެއަށް ވެންޓިލޭޓަރ ގެނައުމަށް ކުރި މަސައްކަތުގައި ހެލްތު މިނިސްޓްރީން ތެރެއިން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަޙްގީގްކޮށް ނިންމުމަށް ފަހު ދެ ފަހަރެއްގެ މަތިން އޭސީސީން ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވުމުންވެސް ދައުވާނުކޮށް އަނބުރާ ފޮނުވުމުންނެވެ. މިއާއެކު އޭސީސީން ތަހްގީގްކޮށްފައިވާ މައްސަލަތަކުގެ ފެންވަރާމެދުވެސް ބައެއް މީހުން ސުވާލު އުފެއްދެވިއެވެ. ޕީޖީ އޮފީހުންވެސް ވަނީ އެ މައްސަލާގައި އޭސީސީން ތަހްގީގް ފުރިހަމަކޮށްފައިނުވާކަމަށާއި، ސާބިތުކުރެވޭވަރަށް ހެކި ނެތްކަމަށް ވިދާޅުވެފައެވެ.

އޭސީސީން ތަހްގީކޮށް ދައުވާކުރަން ޕީޖީއަށް ފޮނުވާ މައްސަލަތަކާއި ގުޅޭގޮތުން ޕިއެސްއެމް ނިއުސްގެ އެކްސްލޫސިވް ޕްރޮގްރާމުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވަނީ ދެން އެއްވެސް މައްސަލައެއްގައި އެކަން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. ޝާމިލް ވިދާޅުވީ، އޭސީސީއާ ހަވާލުވެވަޑައިގެންނެވިއިރު، އެ ކޮމިޝަނުން ފާހަގަކުރެވުނު އެންމެ ބޮޑު މައްސަލައަކީ އެކުގައި މަސައްކަތްކުރަން ޖެހޭ އިދާރާތަކާއި އެކު އޮންނަންޖެހޭ ގުޅުން ކުޑަވުމެވެ. އޭސީސީއާއެކު ގުޅިގެން މަސައްކަތްކުރަން ޖެހޭ އިދާރާތަކާ ގުޅުން ކުޑަކަން އެންމެ ބޮޑަށް އެނގިގެން ދިޔައީ އޭސީސީން ފޮނުވާ މައްސަލަ އަނބުރާ ފޮނުވައި، އެކަންކަމުގައި އެއްގަލަކަށް އަރައި މަޝްވަރާ ނުކުރެވޭކަން މީޑިއާއިންވެސް ފެންނަން ފެށި ހިސާބުންކަމަށްވެސް ޝާމިލް ވިދާޅުވިއެވެ.

އެހެންކަމުން އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވި އެއް މަސައްކަތަކީ އެ މައްސަލަ ހައްލުކޮށް އެހެން އިދާރާތަކާއެކު އޮތް ގުޅުން ރަނގަޅުކުރުންކަމަށް ޝާމިލް ވިދާޅުވިއެވެ.

"މިހެން މިކަން ނުވާނެ މަގަކަށް މި މަސައްކަތް ބައްޓަން ކުރުމަށް ވޭތުވެދިޔަ 8 މަސްދުވަސް ތެރޭގައި ހަމަ ޕީޖީގެވެސް އެއްބާރުލުމާއި އެކު ކުރެވުނު މަސައްކަތުން ވަރަށް ބޮޑުތަން ރަނގަޅުކުރެވިއްޖެ. އަޅުގަނޑުމެންނަށް އެނގޭ އަދިވެސް އާންމުން އެންމެ އުންމީދުކުރާ ގޮތަށް މަސައްކަތްތައް ނުގެންދެވޭ. އެކަމަކު އަޅުގަނޑު ހަމަ ދަންނަވަން އެ މަގަށް އަޅުގަނޑުމެންނަށް ދެވިއްޖެ." ޝާމިލް ވިދާޅުވިއެވެ.


ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކުރާ މުއައްސަސާތަކަކީ އެއް ބަޔަކު އަނެއް ބަޔަކާ ދެބަސްވެފައި ތިބޭ މުއައްސަސާތަކަކަށް ވެގެން ނުވާނެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ކޮންމެ މުއައްސަސާއެއްގެ ދައުރާއި ޒިންމާ، އެ އިދާރާއެއްގައި މަސައްކަތްކުރާ ވަކިވަކި މުވައްޒަފުންގެ ހުންނަ ހިންހަމަނުޖެހުންތަކާއި މައްސަލަތަކަށް ވުރެ ބޮޑުވާން ޖެހޭނެކަމަށް ދެކެވަޑައިގަންނަވާކަމަށް ޝާމިލް ވިދާޅުވިއެވެ. އެހެންކަމުން ގުޅުން ބަދަހިކުރުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން މިހާރު ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރު އަޅުގަނޑުމެންގެ ގުޅުން ވަރަށް ރަނގަޅު. ވަރަށް އެކުގަ މަސައްކަތްވެސް އެބަ ކުރެވޭ. ކޮންމެ ދުވަހަކުހެން ކޮންމެވެސް މައްސަލައެއްގައި އަޅުގަނޑުމެންގެ މަޝްވަރާތައް ކުރިއަށްދޭ މަތީ ލެވެލްގައިވެސް. ކަންބޮޑުވުން ހުންނަ ކަންތައްތަކުގައި ހައްލު ހޯދަން އަޅުގަނޑުމެން އެކީގައި މަސައްކަތްކުރަމުން މިދަނީ." ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ ޕީޖީ އޮފީހުގެ އިތުރަށް ފުލުހުންނާއި، އަދި އެ ނޫންވެސް އެކުގައި މަސައްކަތްކުރަން ޖެހޭ އިދާރާތަކާއެކު ގުޅުން ބަދަހިކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އޭސީސީގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދިއުމާއި، ކޮމިޝަނުގެ އެހެނިހެންވެސް ގިނަ މައްސަލަތައް ފާހަގަވެ ކުރިން ކޮމިޝަނުގެ މެމްބަރުންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގައި ހިނގަމުންދަނިކޮށް އެ ކޮމިޝަނުގެ މެމްބަރުން އެއްކޮށް އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އަދި ކޮމިޝަނަށް އައު މެމްބަރުން އައްޔަންކުރީ މި އަހަރުގެ މާޗު މަހުގައެވެ.